ރައްޔިތުންގެ މަޖިލިސް

އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާއިން ފުރަތަމަ ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ދުވަހު ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރު 12:00 އަށް ހަމަވާއިރު މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.

މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި ހިންގުމާގުޅޭ ކަންކަން ބަޔާންކުރާ މި ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ލިބޭ މަސައްކަތްތެރިންގެ ޔޫނިއަންއާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.

މި ބިލު އިބްތިދާއީ ބަހުސް ނިމި މިހާރު ދިރާސާ ކުރަމުންދަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީންނެވެ.