ޓެކްނޯލޮޖީ

އިލޮން މަސްކް ސްޕޭސްއެކްސްގެ "ސްޓާޝިޕް" ދައްކާލައިފި

އިލޮން މަސްކް އޭނާގެ ސްޕޭސްއެކްސް ކުންފުނީގެ "ސްޓާޝިޕް: ރޮކެޓް ރާވާފައި ހުރި މަންޒަރު ދައްކާލައިފި އެވެ.

ހުކުރު ދުވަހު ޓުވިޓާ މެދުވެރިކޮށް އިލޮން ވަނީ ގިނަ ފޮޓޯތަކެއް ހިއްސާކޮށް، އާންމުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

ސްޕޭސްއެކްސްގެ "ސްޓާޝިޕް" ރޮކެޓަކީ މިހާތަނަށް އެކުންފުނިން ޑިޒައިންކޮށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ވަރުގަދަަ ރޮކެޓެވެ. ސްޕޭސްއެކްސްއިން އާންމުކޮށް ބޭނުން ކުރާ އިންޖީން ރޮކެޓާއި ހިލާފަށް މިރޮކެޓްގައި ބޭނުން ކުރަނީ 29 އިންޖީނު ހިމެނޭ "ސުޕާ ހެވީ" ރޮކެޓެކެވެ. އިލޮން ވަނީ މި އިންޖީނު ތަކުގެ ފޮޓޯ އެއްވެސް ޓްވިޓާ މެދުވެރިކޮށް ދައްކާލާފަ އެވެ.

ސްޓާޝިޕް ރާވާ، ދަަތުރު ކުރުމަށް ތައްޔާރުވަމުން ދާތީ އިހުސާސްތަކަކީ ކޮބައިތޯ މީހަކު އެހުމުން އިލޮން ބުނީ "ހުވެފެން އަސަލަކަށް ވީ' ކަމަށެވެ. އިލޮން ޓްވީޓް ކުރި ފޮޓޯ ތަކުން ސްޓާޝިޕް، ސުޕާހެވީ ރޮކެޓާއި ގުޅުވާލާ މަންޒަރު ދައްކައިދެ އެވެ. އަދި ޕްލެޓްފޯމް ދަތުރަށް ތައްޔާރުކޮށްފައިވާ މަންޒަރުވެސް ފެނެ އެވެ.

ސްޕޭސްއެކްސް އިން ދިޔައީ މިހާތަނަށް ސްޓާޝިޕްގެ ޕްރޮޓޯޓައިޕް ޓެސްޓް ފްލައިޓް ކުރަމުންނެވެ. މި ޓެސްޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޓެސްޓްތައް ނާކާމިޔާބުވެފައިވީއިރު ބައެއް ޓެސްޓްތަކުގެ ނަތީޖާ ވަރަށް ފުރިހަމަ އެވެ. އަދި ސްޓާޝިޕްގެ މިފަހަރުގެ ދަތުރަކީ މިހާތަނަށް އެކުންފުނިން ކުރަން ތައްޔާރުވާ އެންމެ މުހިންމު ޓެސްޓް ފްލައިޓް އެވެ. އަދި މިއީ ސްޓާޝިޕް ފަޒާ އަށް ގެންދިއުމަށް ބޭނުންވާ ސުޕާ ހެވީ ރޮކެޓް އިންޖީނުތަކާއި އެކު ކުރާ ފުރަތަމަ ޓެސްޓް ފްލައިޓެވެ.

މި ދަތުރު ކުރަން އަދި ވަކި ތާރީހެއް ސްޕޭސްއެކްސް އިން އިއުލާންކޮށްފައެއް ނެތެވެ.