ލައިފްސްޓައިލް

ފިންލެންޑުގައި ތުއްތުކުދިންގެ ތަންމައްޗަކީ ކަރުދާހު ފޮއްޓެއް

Jan 16, 2015

މިއީ އާ ވާހަކަަކަށް ނުވެދާނެ އެވެ. ނަމަވެސް މިއީ ޝައުގުވެރި ވާހަކައެކެވެ. ފިލާވަޅެކެވެ. ފިންލެންޑަކީ ޅަފަތުގައި ކުޑަކުދިން މަރުވާ ރޭޓް މުޅި ދުނިޔޭގައި ވެސް އެންމެ ދަށް އެއް ގައުމަށް ވެފައި ވަނީ ތުއްތުކުދިންނަށް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސަރުކާރުން ހަދިޔާކުރަން ފެށި ކަރުދާހު ފޮށީގެ ސަބަބުން ކަމަށް މި ވަނީ ބެލެވިފަ އެވެ.

މާބަނޑު ކޮންމެ މީހަކު ވިހެއުމުގެ ކުރިން ސަރުކާރުން ކަރުދާހު ފޮއްޓެއް ހަދިޔާކުރުމަކީ ފިންލެންޑުގައި 1930ގެ އަހަރުތަކާ ހިސާބުން ފެށިގައިވާ ސަގާފަތެކެވެ. އަދިވެސް އެކަން ދެމި އެބަ އޮތެވެ. ކޮންމެ ފެންވަރެއްގެ އާއިލާއަކަށް ވެސް ސަރުކާރުން ދޭ މި ފޮއްޓަކީ އުފަންވާ ދަރިއަށް އެންމެ ފުރަތަމަ ބޭނުންވާނެ ސާމާނާ އެކު ހަދިޔާކުރާ ފޮއްޓެކެވެ. ބޮޑީސޫޓާއި ސްލީޕިިން ބޭގާއި ގެއިން ބޭރަށް ގެންދާއިރު ލައްވާނެ ހެދުމާއި ނެޕީ ވެސް އޭގައި ހުރެ އެވެ. އެ ފޮށީގެ ފުލުގައި އޮންނަނީ ގޮދަޑިއެކެވެ. އެހެންވެ އޭގައި ހުންނަ ސާމާނުތައް ނެގުމުން އެއީ އެނދެއް ނުވަތަ ކޮއްޓަކަށް ފުދެ އެވެ.

މި ފޮށީގައި ހިމެނޭ ތަކެތި ޒަމާނަށް އަންނަ ބަދަލާ އެކު ސަރުކާރުން ދަނީ ބަދަލު ކުރަމުންނެވެ.

ފިންލެންޑުގައި ހަމަ ކޮންމެ ކުއްޖެއްހެން އެންމެ ފުރަތަމަ އެނދެއްގެ ގޮތުގައި ބޭނުންކުރަނީ މި ފޮއްޓެވެ. މިއީ އާދައިގެ ކަރުދާސް ފޮއްޓަކަށް ވިޔަސް ތުއްތު ކުއްޖާ އަށް މިއީ އަރާމު ނިދީގައި އޮންނަ އިރު ހިމާޔަތް ލިއްބައިދޭ ކަރުދާހުގެ ހަތަރު ފާރެވެ. އެކި ފާޑުގެ އެނދުތަކުގައި ކުދިން ނިންދަވާފައި ތިބޭއިރު ނޭވާ ހާސްވުމާއި އެނދުން ވެއްޓުން ނުވަތަ އެފަދަ ކަންކަން ވެސް މި ފޮށީގައި ދިމަލެއް ނުވެ އެވެ.

ބަލިވެ އިންނަ ކޮންމެ މީހަކަށް ސަރުކާރުން މިހާރު ދެނީ އިހްތިޔާރެކެވެ. އެއީ މި ހާއްސަ ފޮށި ގެންދިއުން ނުވަތަ 140 ޔޫރޯ ފައިސާގެ ގޮތުގައި ގެންދިއުމެވެ. ފޮށީގައި ހުންނަ ތަކެތީގެ އަގު 140 ޔޫރޯ އަށް ވުރެ މަތިވާނެތީ ގާތްގަނޑަކަށް 95 ޕަސެންޓް މީހުން ބޭނުންވަނީ ފޮއްޓެވެ.

މިގޮތަށް އެންމެ ފުރަތަމަ ފޮށި ދޭން ފެށީ 1938 ގައި، ފަގީރުންނަށް އެކަންޏެވެ. ނަމަވެސް މިކަން 1949 ގައި ބަދަލުވެ އެންމެންނަށް ވެސް ދޭން ފެށީ އެވެ. އެކަމަކު މި ފޮށި ނުވަތަ ސަރުކާރުގެ އިނާޔަތް ލިބޭނީ ބަލިވެ އިންނަތާ ހަތަރު މަސް ވުމުގެ ކުރިން ޑޮކްޓަރަށް ދައްކާ މީހުންނަށެވެ. އެހެންވެ މި ފޮށިން ދަރިފުޅަށް ބޭނުންވާ ސާމާނު ލިބުމުގެ އިތުރުން މައި މީހާ އާއި ދަރިފުޅުގެ ސިއްހަތު ޑޮކްޓަރުންނަށް މޮނިޓަކުރެވެމުންދެ އެވެ. މިއީ ފޮށިތަކުގެ ސަބަބުން، ޅަފަތުގައި ކުދިން މަރުވާ ރޭޓް ދަށްވެގެން ދިޔަ މައިގަނޑު ސަބަބެވެ.

ފިންލެންޑަކީ 1930ގެ އަހަރުތަކުގައި ފަގީރު ގައުމެކެވެ. އޭރު ކޮންމެ 1000 ކުއްޖެއްގެ ތެރެއިން 65 ކުއްޖަކު ޅަފަތުގައި މަރުވެ އެވެ. ނަމަވެސް މިހާރު އެ ރޭޓް ހުރީ ހާހަކުން ދޭއްގަ އެވެ.