އަމީތާބު

"ސިލްސިލާ"ގައި އަމީތާބު ބޭނުންކުރި ޖެކެޓް ނިކަމެއްޗަކަށް ހަދިޔާކޮށްފި

Nov 22, 2015
1

ނަވާރަސަތޭކަ އަށްޑިހަ އެކެއްގައި ނުކުތް މަޝްހޫރު ފިލްމު "ސިލްސިލާ"ގައި އަމީތާބު ބޭނުންކޮށްފައިވާ ޖެކެޓެއް ނިކަމެތި މީހަކަށް ހަދިޔާކޮށްފި އެވެ.

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް އަމީތާބް ވަނީ އޭނާގެ އެހެނިހެން އަންނައުނު ވެސް ފިނި މޫސުމުގެ ފިނިން ރައްކާތެރިވުމަށް ހަދިޔާކޮށްފަ އެވެ.

ދިއްލީ އަށް ނިސްބަތްވާ ދެޒުވާނަކު އުފައްދައިގެން އުޅޭ އެންޖީއޯއެއް ކަމަށްވާ "ކްލޮތްސް ބޮކްސް ފައުންޑޭޝަން" މެދުވެރިކޮށް އަމީތާބްގެ އަންނައުނު ބޭނުންޖެހިފައިވާ މީހުންނަށް ހަދިޔާކޮށްފައިވާ ކަމަށް ބުނަމުން އޭނާގެ ބްލޮގްގައި ވަނީ މިއީ ވަރަށް ރަނގަޅު މަގްސަދެއްގައި ދެޒުވާނަކު އިސްނަގައިގެން ކުރަމުން އަންނަ ކަމަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިކަމެއް ކަމަށް ބުނެފަ އެވެ.

"ސިލްސިލާ"ގައި ބޭނުންކުރި ޖެކެޓް ބޭނުންޖެހިފައިވާ މީހަކަށް ހަދިޔާކޮށްފިން" އަމީތާބް ލިޔެފައިވެ އެވެ.

މީގެއިތުރުން ވެސް އަމީތާބް ވަނީ އޭނާގެ އަންނައުނު މީހުންނަށް ހަދިޔާކުރި ބައެއް ފޮޓޯތައް ޓްވިޓާއަށް ލާފަ އެވެ.

މިދެޒުވާނުން ވަނީ އަމީތާބް މިހާރު ހުށަހަޅައި ދެމުން އަންނަ "އާޖްކީ ރާތްހޭ ޒިންދަގީ" ޝޯ އަށް ޒިޔާރަތްކޮށް އެމީހުންނަކީ މީހުން ބޭނުންކޮށްފައި ހުންނަ ރަނގަޅު އަންނައުނު، ބޭނުންޖެހިފައިވާ ނިކަމެތިންނަށް ހޯދައިދޭ ބައެއް ކަމަށް ބުނެފަ އެވެ.

އެގޮތުން އަމީތާބް ވަނީ މިދެޒުވާނުން ނިކަމެތިންނަށް އަންނައުނު ބެހުމަށް ކޮންސްޓްރަކްޝަން ސައިޓެއްގައި ހަރަކާތްތެރިވަމުން އަންނަނިކޮށް، އެތަނަށް ގޮސް އޭނާގެ ބައެއް އަމިއްލަ އަންނައުނު ހަދިޔާކޮށްފަ އެވެ.

"ޕީކޫ" އިން އެންމެފަހުން ފެނިގެންގޮސްފައިވާ އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ބެޖޯއި ނަމްބިއާގެ "ވާޒިރް" އިން ފަރްހާން އަޚްތަރު އާއެކު އެވެ.