ދިވެހި ހާފިޒުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ތުރުކީގެ ރިލީޖަސް އެފައާޒް އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ތުރުކީން އެކަމުގެ ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ތުރުކީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރިލީޖަސް އެފައާޒްގެ ރައީސް ޑރ. އަލީ އަރްބާޝްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މިބައްދަލުވުމުގައި ޑރ. އަލީ ވަނީ ރާއްޖޭގައި ދީނީ ތައުލީމު ފުޅާކޮށް، އެ ދާއިރާ އިން ބޭނުންވާ ކަންކަމުގައި ގުޅިގެން މސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ޑރ. އަލީ ވިދާޅުވީ ތުރުކީގެ ރިލީޖަސް އެފެއާޒް އަކީ ހަމައެކަނި ތުރުކީގެ ރައްޔިތުންނަށް ހިދުމަތްކުރުމުގެ އިތުރުން ދީނީ ދާއިރާ އިން އެހީތެރިކަން ބޭނުންވާ އެހެން ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އިދާރާއެއް ކަމަށެވެ. އެގޮތުން ތުރުކީގެ އިލްމުވެރިން ރާއްޖެއަށް ފޮނުވައިގެންނާއި ދިވެހިން ތުރުކީ އަށް ގެނެސްގެން ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އިލްޔާސް ޖަމާލް ތުރުކީ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑެތި ބައެއް ވިޔަފާރިވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތައް ވިދާޅުވެ ދެއްވާ، ރާއްޖޭގައި އިންވެސްޓް ކުރަން ވަނީ ދައުވަތު ދެއްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ތުރުކީ އަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.