ހުސައިން ވަހީދު

ކުރީގެ ސީޕީ ހުސައިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށްފި

Aug 7, 2021

ވަގަށް ނަގައި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ހުސައިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމަކު ހުސައިން ވަހީދުގެ ބަހެއް އަވަސް އަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރިލްވާން ގެއްލުވާލިއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ ހުސައިން ވަހީދު އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ހުސައިން ހުރަސް އެޅުއްވި ކަމަށް މަރު ކޮމިޝަނުން ތުހުމަތު ކުރެ އެވެ.

ރިލްވާން ގެއްލުއްވާލި މައްސަލާގައި ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ ހަފްތާގެ ތެރޭގައި މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

މަރު ކޮމިޝަންގައި އެމަނިކުފާނު ވަނީ ހަނު ހުންނަވާފަ އެވެ. އެއީ ކުރާ ތުހުމަތު ސާފު ނުވާތީ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް މައްސަލަ ބަލަން ފެށީ އޮގަސްޓް 8، 2014 ގައެވެ. އެހެންކަމުން ރިލްވާން ގެއްލުވާލިތާ މާދަމާ އަށް ހަތް އަހަރު ވާނެ އެވެ.

މަރު ކޮމިޝަނުން ރިލްވާން މައްސަލާގައި އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގި މީހުން ވަނީ އޭނާ ކަނޑުފައްތާ މަރާލާފަ އެވެ.