ހަބަރު

އިމަޖެންސީ އިއުލާން ކުރުމާ ގުޅޭ މައުލޫމާތު އިންޑިއާއަށް ދީފި

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް އާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު އެ ގައުމުގެ ސަރުކާރަށް ރަސްމީކޮށް ދެއްވައިފި އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވެފައި ވަނީ ޝުޝްމާއާ މައިގަނޑު ގޮތެއްގައި މަސްވަރާ ކުރެއްވީ ރާއްޖޭގައި އެމެޖެންސީ އިއުލާން ކުރި މައްސަލަ އާއި އެކަމުގެ ތަފްސީލްތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި އެމެޖެންސީ އިއުލާން ކުރަން ޖެހުނު ސަބަބުތަކާއި އިމަޖެންސީ އުވާލަން ނިންމި ސަބަބުތައް އަދި އޭގެ ފަހުން އެކަމާ ގުޅިގެން ސިޔާސީ މަޝްރަހުގައި ހިނގަމުން އަންނަ ކަންކަން ތަފްސީލްކޮށް އިންޑިއާއަށް ދިން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"އިމަޖެންސީ އިއުލާން ކުރުމާ ގުޅޭ ގޮތުން އިންޑިއާއަށް ފުރިހަމަ މައުލޫމާތު ދިނުން މިދަތުރުގެ ބޭނުމަކީ. އެ ހުރިހާ މައުލޫމާތެއް އަޅުގަނޑު އެކްސްޓާނަލް މިނިސްޓަރަށް އެރުވިން،" ދުންޔާ ވިދާޅުވެފައިވެ އެވެ.

އިމަޖެންސީ 30 ދުވަހަށް އިއުލާން ކުރި ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ އެމަޖެންސީ ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެމަޖެންސީ ވީހާވެސް އަވަހަކަށް އުވާލުމަށް އެކި ގައުމުތަކުން ގޮވާލި އެވެ. އެހެން ނަމަވެސް އިންޑިއާއިން އެކަމަށް ގޮވާލާފައެއް ނުވެ އެވެ.

ދުންޔާ ވަނީ ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެން ހައިކޮމިޝަނަރާ ވެސް ބައްދަލު ކުރައްވައިފަ އެވެ.