ޑީއެންއޭ

ޑީއެންއޭ އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފި

ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

ޑީއެންއޭއަކީ ސިޔާސީ ހަރަކާތެކެވެ. އެ ހަރަކާތުން މިރޭ ބުނީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއެންއޭގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް މިއަދު ބޭއްވި އިންޓަރިމް އެގްޒެކްޓިވް ކައުންސިލް (އެކްސްކޯ) ގެ 20 ވަނަ ބައްދަލްވުމުގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައިވާއިރު ޑީއެންއޭ އިފްތިތާހު ކުރުމަށް މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެ ހަރަކާތުގެ ބާނީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ޑީއެންއޭ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއްޔާރުވާން އުފެއްދި ހަރަކާތެއް ނޫން ކަަމަށެވެ.

އުމަރު ވިދާޅުވީ ޑީއެންއޭގެ މަގްސަދަކީ ރާއްޖެ މުޅިން އާ މިސްރާބަަށް ގެންދިއުން ކަމަށެވެ. ނަމަވެސް ކުރިއަށް ރިޔާސީ އިންތިހާބަކީ ރާއްޖެ އާ މިސްރާބަކަަށް ގެންދަން ލިބޭނެ ފުުރުސަތެއް ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.

"އެ ފުރުސަތުގެ ބޭނުން ހިފާނީ ކިހިނެއްތޯ ނިންމާނީ އިންތިހާބު ކައިރިވުމުން. ޑީއެންއޭ މި އުފައްދަނީ ދިވެހިންގެ މުރާލިކަމާ ދިވެހިންގެ ހީވާގިކަމާ ދިވެހިންގެ މަސައްކަތްތެރިކަމާ އަނބުރާ ގެންނަން. ޑީއެންއޭ މި އުފައްދަނީ އިސްލާމް ދީނުގެ ރީތި އަހުލާގަށް މަތީ ތައުލީމަށް ހުނަރު ފައްކާވެފައިވާ ޖީލެއް އުފައްދައި އެ ޖީލުގެ ކޮނޑުގައި މި ގައުމު ތަރައްގީވެފައިވާ ގައުމަކަަށް ހެދުމުގެ މަތިވެރި މަގުސަދުގައި\" އުމަރު ވިދާޅުވި އެވެ.

ޑީއެންއޭ ހެދުމުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ދެން އުމަރު ނެންގެވީ އަމިއްލަވަންތަ، އިސްލާމްދީނަށް ލޯބި ކުރާ އަދި މިނިވަން ދައުލަތެއް ކަށަވަރު ކުރުމެވެ. އެގޮތުން ދިވެހިންނަކީ އަބަދުހެން ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނުކުންނަން ޖެހޭ ބަޔަކަށް ނުވުމަށް ވަކާލާތު ކުރައްވާނެ ކަމުގެ ވައުދެއް އުމަރު މިރޭ ވެވަޑައިގަތެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ސިޔާސީ އިޖުތިމާއީ ހުރިހާ ޕްލެޓްފޯމްތަކެއްގައި މި ރާއްޖެ ބަދަލު ކުރުމަށް މި ރާއްޖެ ޓްރާންސްފޯމް ކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރާނަން" އުމަރު ވިދާޅުވި އެވެ.

ޑީއެންއާއަކީ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދައި ދިނުމަށް ފަށާ ހަރަކާތެއްކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ ކޮރަޕްޓް ސިޔާސީ ވެރިންގެ އަތުން އަނބުރާ ގައުމު އަތުލައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެ ހަރަކާތުން މަސައްކަތް ކުރާނެ ކަަމަށެވެ.