ޕޮލިޓިކްސް

ދިވެހި ނެޝަނަލް އެކްޝަން އިފްތިތާހުކޮށްފި

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށައިފި އެވެ.

މިރޭ އިފްތިތާހުކުރި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނަމަވެސް މިއީ އަދި ސިޔާސީ ޕާޓީއެއް ނޫނެވެ. ނަމަވެސް މިއީ ގައުމީ ވިސްނުމުގައި ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތްތައް މިރޭ ވަނީ ބުނެފަ އެވެ.

ޑީއެންއޭގައި އިސްކޮށް ތިއްބަވަނީ ސިޔާސީ ބޭފުޅުން ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން މީގެ ކުރިން ބައެއް ސިޔާސީ މަގާމުތަކާއި ސަރުކާރުގެ އެކި މަގާމުތަކުން ބައެއް ފަރާތްތަކެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާއެއްގައ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ ޑީއެންއޭއަކީ ހުޅުވާލެވިފައިވާ ސިޔާސީ ޕްލެޓް ފޯމެއް ކަމަށެވެ. އަދި އެއީ ވަކި ފިކުރަކަށް ނިސްބަތްވާ ހަރަކާތެއް ނޫން ކަމަަށާއި ރާއްޖޭގައި އިސްލާހު ކުރަން ޖެހޭ ކޮންމެ ކަމަކަށް އެ ހަރަކާތުން ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވަނީ މިހާތަަނަށް ވެރިކަންކުރި އެއްވެސް ބޭފުޅަކަށް އަދި އެ ބޭފުޅުން ނިސްބަތްވި ސަރުކާރުތަކަށް ގައުމީ ބޮޑެތި މައްސަލަތައް ހައްލު ކުރެވިފައިނުވާ ކަމަަށް ވިދާޅުވެފަ އެވެ.

ޑީއެންއޭއަކީ 2023 ގެ ރިޔާސީ އިންތިހާބާއި ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވިއިރު އެ ހަރަކާތުގައި އިސްވެ ހުންނަވާ އުމަރު ނަސީރަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާ ކެމްޕޭން ފައްޓަވާފައި ބޭފުޅެކެވެ.