އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމުގެ މަސައްކަތަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގެ އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމު ކުރަން ހިންގާ ފުޅާ ޕްރޮގްރާމްގެ ބައެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރު ވީޑިއޯއެއް މެދުވެރިކޮށް އުމަރު މިއަދު ވިދާޅުވީ އައްޑު އަތޮޅަށް ފުރަތަމަ ގެންދިޔައީ އިންޑިއާގެ ހެލިކޮޕްޓަރަކާ އެ ގައުމުގެ ސިފައިނުން ކަމަށާއި ދެން ގެންދިޔައީ ރާޑަރު ސްޓޭޝަނެއް ކަމަށެވެ. އަދި ވިދާޅުވީ އޭގެ ފަހަށް މިލިޓަރީ ބޭސްއަކަށް ބޭނުން ކުރެވޭނެ ވަރުގަދަ އިމާރާތެއް ގެންގޮސް މިހާރު ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން މި ސަރުކާރު ތެރެއިން ކުރަމުން އަންނަ މަސައްކަތް ދިވެހި ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ.
"މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގެ އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމު ކުރުމަށް ހިންގާ ޕްރޮގްރާމެއް، އުތުރު ތިލަފަޅުގަ އިންޑިއާއިން ހަދާ އިމާރާތްތަކާ، ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިނާ އެމީހުންގެ މަތިންދާބޯޓާ، ލ. ގަމުގަ ތިބި އިންޑިއާ ސިފައިންނާ އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ގާއިމު ކޮށްފައިވާ އެމީހުންގެ ވަސީލަތްތަކަށް ބަލައިލުމުން މި ހިނގަނީ ކޮން ކަމެއްކަން ވަރަށް ސާފު،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިހާރުގެ ސަރުކާރު ހިންގާ ފަރާތްތަކަށް މިއީ ވިޔަފާރީގެ ފުރުސަތެއް ކަމަށް ހީވި ނަމަވެސް މިއީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ސ. ގަމާއި އެ އަތޮޅުގެ ބައެއް ރިސޯޓުތައް ބަންދުވެ ރައްޔިތުންގެ ވަޒީފާތައް ގެއްލިފައިވާއިރު އެ އަތޮޅުގައި ސަރުކާރުން ތަރައްގީ ކުރަން ވައުދުވި 8000 އެނދުގެ މަސައްކަތް ނުކޮށް އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމު ކުރުން ވެގެން ދާނީ އިންވެސްޓަރުން އައްޑޫއަށް އައުމަށް ޖެހެލުންވާނެ ސަބަބަކަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއަކީ މުއްސަނދި ގައުމެއް ނޫނެވެ. އަދި އަދި އެ ގައުމުން ރާއްޖޭގައި ހަދާ ބޭހެއްގެ ސަބަބުން އިނގިރޭސިން ރާއްޖޭގައި ތިބިއިރު ކުރިކަހަލަ އެއްވެސް ފައިދާއެއް ރާއްޖެއަކަށް ނެތެވެ. އަދި އެހުރިހާ ކަމަކުން ސަލާމަތްވުމަށް އަދި އިންޑިއާ ސިފައިނުން ރާއްޖޭގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް 2023 ވަނަ އަހަރުގެ ވެރިކަން ޑީއެންއޭ އާއި ހަވާލުކޮށްދިނުމަށް ވީޑިއޯ ނިންމައިލަމުން އުމަރު ވަނީ އެދި ވަޑައިގެންފައި ވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއެންއޭ އިން ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް މިއަދު އުމަރު ދެއްވި ނަމަވެސް ޑީއެންއޭ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށް އުފައްދާ ހަރަކާތެއް ނޫން ކަމަށް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ ހަރަކާތުގެ މަގްސަދަކީ ރާއްޖެ މުޅިން އާ މިސްރާބަަށް ގެންދިއުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.