ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ނުޖަހާ މީހުން ކެފޭތަކަށް ވަނުން މަނާކުރަނީ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ބައެއް ހިދުމަތް ހޯދަން ތަންތަނަށް ނުވަދެވޭ ގޮތަށް އުސޫލެއް އެކުލަވާލާ އަންނަ މަހު އަމަލު ކުރަން ނިންމައިފި އެވެ.

އެކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ޔަގީން ކޮށްދީފައެވެ. އޮފިޝަލް ވިދާޅުވީ އުސޫލު އެކުލަވާލާފައިވަނީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ކެފޭ/ހޮޓާ އަދި ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދަން ނުވަދެވޭ ގޮތަށެވެ. އަދި ޕަބްލިކް ޓްރާސްޕޯޓާއި ފެރީގެ ހިދުމަތް ފަދަ އާންމުން ބޭނުންކުރާ ހިދުމަތްތައް ބޭނުން ނުކުރެވޭ ގޮތަށެވެ. މީގެ އިތުރުން ޖިމްތަކާއި ސެލޫން ފަދަ ތަންތަނަށްވެސް ހަރުކަށި އުސޫލުތަކެެއް ގެންނަން ވަނީ ނިންމާފައެވެ.

އުސޫލުގައިވާ ކަންކަން ހަރުދަނާކޮށް ތަންފީޒު ކުރުމަށްވެސް ހިދުމަތްދޭ ފަރާތްތަކަށް މަޖުބޫރުވާނެ އެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި މިފަދަ އުސޫލެއްގެ ބޭނުމަކީ މުޖްތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަދި ކޮވިޑްގެ އިތުރު ރާޅަކުން ސަލާމަތްވުމެވެ.

އަވަސްއާ ވާހަކަދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަ ނުކުރާ ލައްކައެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި 40،000 އަށް ވުރެ ބޮޑު އާބާދީއެއް އެންމެ ޑޯޒެއްވެސް ނުޖަހާ ތިބިކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ސަރުކާރުން ވަނީ އެތައް މަސައްކަތަކުން ރާއްޖޭގައި ތިބި އެންމެންނަށް ވެކްސިން ޖެހޭނެ މިންވަރަށް ކޮވިޑް ވެކްސިން ހޯދާފަ އެވެ. ވެކްސިން އުފައްދަން ފެށުމާއެކުހެން އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން ކާމިޔާބު މަަސައްކަތްތަކެއް ކުރި އެވެ. އަދި އަވައްޓެރި އިންޑިއާގެ އެހީގައި ލިބުނު 200،000 ޑޯޒް ވެކްސިނާ އެކު ފެބްރުއަރީ ފުރަތަމަ ދުވަހު ވެކްސިންގެ ތާރީހީ ކެމްޕޭން ފެށި އެވެ. އޭގެ ފަހަށް އެކުވެެރި ޗައިނާގެ އެހީގައި ލިބުނު 200،000 ޑޯޒް ވެކްސިނާއެކު ކެމްޕެއިން އިތުރަށް ވަރުގަދަ ކުރި އެވެ. އެ ގައުމުން މިހާރު ވަނީ އިތުރު 300،000 ޑޯޒް ހަދިޔާ ކުރަންވެސް ނިންމާފަ އެވެ.

އޭގެ އިތުުރުން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް 700،000 ޑޯޒް ހޯދުމަށް އޯޑަރުކޮށް ފައިސާ ދެއްކި އެވެ. އެ ވެކްސިން ލިބުން ވަރަށް ބޮޑަށް ލަސްވި ނަމަވެސް އެ ވެކްސިންގެ ފުރަތަމަ ސްޓޮކް ލިބި މިހާރު ވަނީ ވެކްސިން ޖަހަން ފަށާފަ އެވެ. އަދި އޭގެ ފަހުން އިންޑިއާއިން އިތުުރު 300،000 ޑޯޒް ގަތުމަށް ނިންމާ ފައިސާ ދައްކާފައިވެ އެވެ.

ސަރުކާރުން ވަނީ ރަޝިއާގެ ވެކްސިން ގަތުމުގެ މަޝްވަރާތައް ވެސް ފަށާފަ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައިވެސް ވެކްސިނާއި ސިރިންޖް ހޯދާފައިވެ އެވެ.

ފަހުން ލިބުނު ވެކްސިން ސްޓޮކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި މުޅި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމުގެ ކަށަވަރުކަން ސަރުކާރުން ވަނީ ހޯދާފަ އެވެ. އަދި މި މަސް ނިމުމުގެ ކުރީން ރާއްޖޭގެ 90 ޕަސެންޓަށް ވެކްސިން ދިނުމަށް އަމާޒު ހިފާ ވެކްސިން ކެމްޕެއިން ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.

މީގެ އިތުރުން ވެކްސިން ޖަހަން އަންނަ މީހުންނަށް ފަސޭހައަކަށް އިންތިޒާމު ކުރެވިފައިވާ އެޕޮއިންޓްމަންޓް އުސޫލެއްގެ ތެރެއިން ވެކްސިން ޖެހޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އަދި އެޕޮއިންޓްމަންޓް ހެއްދުމުގައި ދަތިތަކެއް ދިމާވާ ކަމުގެ ޝަކުވާއާ އެކު މިހާރު ވަނީ ކޮންމެ ސެންޓަރެއްގައި ހާއްސަ ޑެސްކެއްވެސް ބަހައްޓާފަ އެވެ.

ރާއްޖެއިން މިހާތަނަށް 280،353 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި 327،579 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

ކޮވިޑްގައި ދިވެހިން 517 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.

މިހާތަނަށް 78،130 މީހަކަށް ރާއްޖެއިން ބަލި ޖެހިފައިވެ އެވެ. އަދި 75،353 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. މިވަގުތުގެ އެކްޓިވް ކޭސްގެ އަަދަދަކީ 2،543 އެވެ. ހޮސްޕިޓަލްގައި 24 މީހަކަށް ފަރުވާ ދެމުންދާއިރު ބަލީގައި މަަރުވި މީހުންގެ ޖުމްލަ އަދަދަކީ 222 އެވެ.