އިނގިރޭސި ވިލާތަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އިތުރުވެފައިވަނީ އެގައުމުން އިރާގާއި އަފްގާނިސްތާނުގެ މައްސަލައިގެ ތެރެއަށް ވަދެ އަސްކަރީ ހަރަކާތްތަކުގައި ބައިވެރި ވެފައި ވާތީ ކަމަށް އެގައުމުގެ އިދިކޮޅު ލީޑަރު ޖެރެމީ ކޯބީން ވިދާޅުވެއްޖެއެވެ.
ކޯބީން ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ފޮރިން ޕޮލިސީ މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ މުޅިން ތަފާތު ކަމަށެވެ. އޭނާގެ ސިޔާސަތުތަށް ބިނާވަނީ ގައުމުތަކާމެދު ބާއްވާ މިނިވަން ގުޅުންތަކެއްގެ މައްޗަށް ކަމަށާއި އޭނާގެ ސިޔާސަތުގައި ހަނގުރާމަ ކުރުމަކީ އިތުރު އެއްވެސް ގޮތެއް ނެތް ހާލަތެއްގައި މެނުވީ އިހުތިޔާރު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ކޯބީން މިހެން ވިދާޅުވެފައިވާއިރު، ޕެރިހުގައި ދިން ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގެ އާންމުންގެ މެދުގައި އައިއެސް އަށް އިނގިރޭސިވިލާތުން ހަމަލާ ދިނުމަށް ކުރާ ތާއީދު ވަނީ އިތުރު ވެފައެވެ. ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި 55 ޕަސެންޓު އިނގިރޭސީން އައިއެސްއާ ހަނގުރާމަ ކުރަން އިނގިރޭސި ސިފައިން ފޮނުވަން ތާއީދު ކުރެއެވެ. ލޭބާ ޕާޓީން ދެކޭ ގޮތުގައި ޕެރިސް ހަމަލާ ހުއްޖަތަކަށް ހަދައި އިނގިރޭސީން ސީރިއާއަށް އަރައިފިނަމަ އިރާގާއި އަފްގާނިސްތާނުގައި ހެދުނު ގޯސްތައް ތަކުރާރު ވާނެއެވެ.
ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ 64 ޕަސެންޓު މީހުން ކޯބީންގެ މި ހިޔާލަށް ތާއީދު ކުރެއެވެ. އެ މީހުން ދެކޭ ގޮތުގައި އިރަގާއި އަފްގާނިސްތާނަށް އިނގިރޭސިން ނޭރިނަމަ އެގައުމަށް ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ނުރައްކާ ކުޑަ ވީހެވެ.
އިނގިރޭސި ބޮޑުވަޒީރު ޖޭމްސް ކެމަރަން ބޭނުންފުޅު ވަނީ އިރާގާއި ސީރިޔާގައި އައިއެސް އަށް ދޭ ވައިގެ ހަމަލާތައް އިތުރު ކުރާށެވެ. މި ކަމަށް އިނގިރޭސިވިލާތުގެ އާންމުންގެ 71 ޕަސެންޓު މީހުން ތާއީދު ކުރެއެވެ.