ދުނިޔެ

ޔޫއެސް ބީ52 ބޯޓުތަކުން ތާލިބާނުންނަށް ބޮންއަޅައިފި

އެމެރިކާގެ ބީ52 މަރުކާގެ ބޯޓުތަކުން ތާލިބާނުންގެ އަމާޒުތަކަށް ބޮންއަޅައިފި އެވެ.

އަފްޣާން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ފަވާދު އަމާން ވިދާޅުވި ގޮތުން ތާލިބާނުންގެ 200 އަށް ވުރެ ގިނަ ހަނގުރަމަވެރިން ވަނީ މަރުވެފަ އެވެ. ތާލިބާނުން އަންދާޒާކޮށްފައި ނުވާ ވަރުގެ ބޮޑު ގެއްލުމެއް ދެވިފައިވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔޫއެސް އެއާ ފޯސްއިން ތާލިބާނުންނަށް ހަމަލާދީފައި ވަނީ އެމެރިކާގެ ރައީސްގެ އަމުރުފުޅަށެވެ. ޓައިމްސްއިން މިޚަބަރު ކުރިން ގެނެސްދީފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ހަވާލާދެއްވައި ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ތާލިބާނުންނަށް ބޮންއަޅަން ޔޫއެސް އެއާ ފޯސްއަށް ބައިޑަން އޮތީ އަމުރުކުރައްވާފަ އެވެ. އަފުޣާނަށް ފެތުރިގެންފައިވާ ތާލިބާނުން އަފްޣާން ސިޓީތަކަށް ހަމަލާދީ ވެރިވެގަތުމަށް ދެމުންގެންދާ ހަމަލާތަކަށް އަދިވެސް ހުއްޓުމެއް ނާންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަފްޣާންގައި ހަރަކާތްތެރިވާ އަސްކަރީ އޮފިޝަލުން ވަކި ގައުމެއް ހާމަނުކޮށް ޓައިމްސްއަށް ބުނެފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އަފްޣާންގެ މުހިންމު ދެޕްރޮވިންސެއް ވަނީ ހިފާފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ތާލިބާނުންގެ ދުވެލި ވަރަށް ބާރެވެ.

ޓައިމްސް ބުނާ ގޮތުން ތާލިބާނުންނަށް ބޮންއަޅަން ޔޫއެސް އެއާ ފޯސްއިން ބޭނުންކުރަނީ ބީ52 މަރުކާގެ ބޮންއަޅާ ބޯޓުތަކާއި ލޮކްހީޑް މާޓިން ސީ130 ސްޕެކްޓްރާ ގަންޝިޕްތަކެވެ. މިއީ ތާލިބާނުން ވަކި ސިޓީތަކަކަށް ވަދެފާނެ ކަމަށް އޮތް ބިރު ކަނޑުވާލުމަށް ދެވޭ ހަމަލާއެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެމެރިކާ ވައިގެ ސިފައިން ބޮންއަޅަން ބޭނުންކުރާ އެންމެ ކާމިޔާބު އުޅަނދަކީ ބީ52 އެވެ. މިއީ ޒަމާނީ ސްޓައިލަށް ނުފެތޭ ބޯޓެއް ނަމަވެސް، ބާރުގަދަ ހަމަލާތައް ދިނުމަށް މިބޯޓު މިހާރު ވެސް ބޭނުންކުރެ އެވެ. މިއީ އެއްފަހަރާ 32 ޓަނުގެ ގޮވާތަކެތި ދުރުރާސްތާތަކަށް އުފުލައިދޭ ބޯޓެކެވެ. މިބޯޓް އުފައްދާފައި ވަނީ ނިއުކްލިއާ ހަތިޔާރު ވެސް އުފުލޭ ގޮތަށެވެ.

އަފްޣާނަށް ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބަލައި ބޮންއަޅާ ބޯޓުތައް ބަނދަރުކޮށްފައި އޮންނަނީ ގަތަރުގަ އެވެ.

ތާލިބާނުން ބުނާ ގޮތުން އަފްޣާންގެ 90 ޕަސެންޓް އޮތީ އެޖަމާއަތުގެ ބާރުގެ ދަށުގަ އެވެ. އަފްޣާން އަސްކަރިއްޔާއިން ތާލިބާނުންގެ ބަސް ދޮގުކުރެ އެވެ. ބުނަނީ ތާލިބާނުން އެބުނާހާ ކުޅަދާނަކަމެއް އެމީހުންގެ ކިބާގައި ނެތް ކަމަށެވެ. އަދި ތާލިބާނުން އެބުނާހާ ބޮޑު ޕަސެންޓެއް އެމީހުންނަށް އަތުލެވިފައި ނުވާ ކަމަށެވެ.

އަފްޣާންގެ ރައީސް މުހައްމަދު އަޝްރަފް ޣަނީ ވިދާޅުވި ގޮތުން ތާލިބާނުން ބަލިކުރުމަކީ ބޮޑުކަމެއް ނޫނެވެ. އެމެރިކާއާ އަފްޣާނަށް ހެޔޮއެދޭ ގައުމުތަކުގެ އެހީގައި ތާލިބާނުން ބަލިކުރަން ކުރާ މަސައްކަތް ހަފުތާއަކަށް ވުރެ ދިގުލައިގެން ނުދާނެ އެވެ.