އެމެރިކާއާ ނޭޓޯ ގައުމުތަކުގެ ސިފައިން އަފްޣާންގައި ތިބިއިރު އެހީތެރިވި އަފްޣާން މީހުން އެ ގައުމުން ބޭރުކޮށް ދޭނެ ކަމަށް އެމެރިކާއިން އޮތީ ބުނެފަ އެވެ. އެ ގޮތުން މަތިންދާބޯޓުތަކުން މީހުންނަށް ޖާގަ ދިނުމުގައި އެމީހުންނަށް އެހީތެރިވި އަފްޣާން މީހުން ވެސް ގެންދަނީ އެ ގައުމުން ބޭރު ކުރަމުންނެވެ.
ތާލިބާނުން ކުރިން ބުނި ގޮތުން އަފްޣާނުން ބޭރުވާން އެދޭ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ. ދޭސީއެއް ބިދޭސީއެއް އެކަމުގައި ތަފާތެއް ނުކުރާނެ އެވެ. އެހެން ނަމަވެސް ޚަަބަރުތައް ބުނާ ގޮތުން ތާލިބާނުން އެ އަހުދާ ޚިލާފުވެ ކާބުލް އެއާޕޯޓަށް ދާން ހުރި މަގުތައް މިހާރު އޮތީ ބަންދު ކޮށްފަ އެވެ. އަދި ބޭރު ގައުމެއްގެ ރައްޔިތަކަށް ނޫނީ އެއާޕޯޓަށް ދާން ހުއްދައެއް ނުދެ އެވެ.
ތާލިބާނުންގެ ތަރުޖަމާން ޒައިދުﷲ މުޖާހިދު ވިދާޅުވީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނޫނީ ދެން އެއާޕޯޓަކަށް ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މީހުން ބޭރު ކުރަން ހުޅަނގަށް ދީފައި އޮތް މުއްދަތު އޮގަސްޓް 31 ގެ ނިޔަލަށް ހަމަވާނެ އެވެ. އަދި އެއަށް ފަހު މީހުން ބޭރު ކުރެވޭނީ އެއްބަސްވުމެއްގެ ދަށުންނެވެ.
ކާބުލް އެއާޕޯޓްގެ އެތަން މިތާނގައި ފުނިޖެހިފައި ތިބި އަފްޣާން ރައްޔިތުން ގެއަށް ދިއުމަށް ވެސް މުޖާހިދު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ގައުމުން ބޭރުވެވޭނެ ކަމުގެ އުންމީދުގައި ތިބޭނެ ކަމެއް ނެތް ކަމަށާއި ހާލަތު ބަދަލު ވެދާނެ ކަމަށެވެ.
ސިއްހީ އެހީތެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އޮފިޝަލުން އަދި ޓްރެފިކް ބަލަހައްޓާ މީހުން ގައުމު ދޫކޮށް ނުދިއުމަށް މުޖާހިދު އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ އެއިން އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ޚިދުމަތަށް ނުކުތުން ކަމަށެވެ.
ތާލިބާނުން ބުނި ގޮތުން އެމެރިކާއާ ނޭޓޯއިން އަފްޣާން ރައްޔިތުން ގައުމުން ބޭރުވާން ހިތްވަރުދެ އެވެ. އެކަން އެގޮތަށް ނުކުރަން ތާލިބާނުން ވަނީ ގޮވާލާފަ އެވެ. އަދި އެކަމުން ދިމާވެދާނެ ހަމަނުޖެހުމެއްގެ ޒިންމާ ހުޅަނގުން އުފުލަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.