އެފްއޭއެމް

ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހު ކޮށްފި އެވެ. އެ ޕޮލިސީ އިފްތިތާހު ކޮށްދެއްވީ ފަސްޑްލޭޑީ ފަޒްނާ އަހުމަދު އެވެ.

ޕޮލިސީ އިފްތިތާހުކޮށްދެއްވާ އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން މި ކަމަށް ހައްލެއް ހޯދަން ދުރާލާ ވިސްނާ އެކަން ފެއްޓެވީތީ އެފްއޭއެމްއާ އަދި މި ޕޮލިސީ އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ކުޑަކުދިންނާ ގުޅޭ މިފަދަ މުހިންމު ޕޮލިސީއެއް އެކުލަވާލުމުގައި އެ ކުދިންގެ މަޝްވަރާއާ ބައިވެރިވުން ހޯދާފައިވާތީ އެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި ހާއްސަ ގޮތެއްގައި ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަގްސަދަކީ ނުރައްކާތެރި ކަމަށް ކުދިން ހުށަހެޅުމުގެ ފުރުސަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅާފައި އޮތުމުގެ މުހިންމުކަން އެކަމަނާ ވިދާޅުވިއެވެ. ހަމަ އެހެންމެ މި ޕޮލިސީ އިފްތިތާހު ވެގެންދިޔައިރު މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން އައި އެންމެ އުފާވެރި އެއް ދުވަސް ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެން ގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހަކުގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ހާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެ ތަންތަނުގެ މެނޭޖްމަންޓަށްވެސް އޭގެ ފައިދާކުރާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. ފަޒުނާ ވިދާޅުވީ ޕޮލިސީއެއް އޮތުމުން ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށްވެސް އެނގިފައި އޮންނާނެ ކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓް ކުރަންވީ ގޮތާއި އެހީތެރިކަން ހޯދަންވީ ގޮތް ކުދިންނާ ކޯޗުންނަށްވެސް އެނގިފައި އޮންނާނެ ކަމަށެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާ އާކް ޖަމިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑީވްސްއާ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް ކުޑަކުދިންނަށް ކުރާ އަނިޔާ އާއި އެކުދިންނަށް ވާ އިހުމާލާއި އެ ކުދިންނަށް ކުރިމަތިވާ ހަނގާކުރުންފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓްބޯޅައިގައި ބައިވެރިވާކުދިން ކަމުގައި ހެދުމެވެ.