ލައިފްސްޓައިލް

ދައްތަގެ ފަރުވާއަށް ފައިސާ ހޯދަން ކޮއްކޮ ދޫނި ކާނާ ވިއްކަނީ

އިންޑިޔާގެ ހައިދަރުއާބާދުގެ މަގެއް މަތީގައި 10 އަހަރުގެ ސައީދު އަޒީޒު ކޮންމެ ދުވަހަކުވެސް ދޫންޏަށް ކާންދޭ ކާނާ ވިއްކަން ހުރެ އެވެ. ކުޑަކުޑަ ސައީދު މި ތަކެތި ވިއްކަނީ އޭނާގެ 12 އަހަރުގެ ދައްތަގެ ސިކުނޑިއަށް ކެންސަރު ޖެހިފައިވާތީ ދައްތައަށް ފަރުވާކުރަން ފައިސާ އެއްކުރުމަށެވެ.

ސައީދުގެ ދައްތަ ސަކީނާ ބޭގަމްގެ ސިކުނޑީގައި ކެންސަރު ޓިއުމަރެއް އިންކަން އެނގުނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. ދައްތަގެ ފަރުވާ އަށް ފައިސާ ހޯދަން އާއިލާގެ މީހުން ކުރާ ބުރަ މަސައްކަތް ފެނިފައި އަދި އެ ވަރުން ވެސް ފަރުވާ އަށް އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބޭކަން އެނގޭތީ ސައީދު އަށް ވެސް މަސައްކަތްކުރަން ނުކުންނަން މަޖްބޫރުވީ އެވެ.

ސައީދު މިހާރު ކޮންމެ ދުވަހަކުވެސް އޭނާގެ މަންމަ އާއެކު ދޫނި ކާނާ ވިއްކަން ނުކުމެ އެވެ.

ސައީދުގެ މަންމަ ބިލްކީސް ބޭގަމް އިންޑިޔާގެ ނޫހަކަށް ކިޔައިދިން ގޮތުގައި ސަކީނާގެ ސިކުނޑީގެ ކެންސަރަށް ފަރުވާ ކުރަން ރޭޑިއޯތެރަޕީ ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ނޫންނަމަ ސަކީނާގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ބިލްކީސް ބުނި ގޮތުގައި އެމީހުން އެ ސަރަހައްދަކަށް ނިސްބަތްވާ ތެލަންގަނާގެ ސަރުކާރުން ސަކީނާގެ ކެންސަރު ފަރުވާއަށް ފައިސާ ދިންކަމަށެވެ. ނަމަވެސް ރޭޑިއޯތެރަޕީ ދީދީ އެ ހުރިހާ ފައިސާ ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ދައްތަ އަށް އެހީތެރިވާން ސައީދު މަސައްކަތް ކުރިޔަސް ކިޔެވުން ވެސް ދޫކޮށެއް ނުލަ އެވެ. ހައިދަރުއާބާދުގެ މަދަރުސާއަކަށް މިހާރު ވެސް އޭނާ ކިޔަވަން ދެއެވެ.

ސައީދުގެ މަންމަ ބުނި ގޮތުގައި ދޫނި ކާނާ ވިއްކަން ސައީދު އިންނަނީ ހެނދުނު 6.00 އިން 8.00 އަށެވެ. އޭގެ ފަހުން ހަވީރު 5.00 ވަންދެން ސައީދު އުޅެނީ މަދަރުސާގައި ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.