ލައިފްސްޓައިލް

ފެނަށް އެލާޖިކް އަންހެނެއް، ފެންވެރުން ގަަދަ ވޭނަކަށް

ވަރަށް އާދައިގެ އެއްޗިއްސަށް އެލާޖިކް ވާ މީހުން ވެސް މަދު މަދުން ނަމަވެސް ފެނެ އެވެ. ބައެއް މީހުންނަކީ ހިރަފުހަށް އެލާޖިކް ވާ މީހުންނެވެ. އަނެއް ބަޔަކު ބައެއް ކަހަލަ ކާނާ އަށް އެލާޖިކް ވެއެވެ. އާއްމުކޮށް މީހުން ކެއިން ބުއިމުގައި ބޭނުންކުރާ ކިރު، ދޮންކެޔޮ ފަދަ އެއްޗިއްސަށް އެލާޖިކް މީހުން ވެސް އުޅެ އެވެ. ނަމަވެސް ފެނަށް އެލާޖިކް އަންހެނެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދާދިފަހުން އާއްމުވެ ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފަ އެވެ. އެމީހާ އުޅެން ޖެހޭނެ ހާލު ހިތަށް އަރާފަ އެވެ.

އިނގިރޭސި ވިލާތުގެ ޒުވާން އަންހެނެއް ކަމަށްވާ ނިއާ ސެލްވޭ އަކީ އަކުއާޖެނިކް ޕުރުރައިޓިސް ކިޔާ ސިއްހީ މައްސަލައެއް ހުންނަ މީހެކެވެ.

ސޯޝަލް މީޑިއަގައި ނިހާ ޝެއާ ކުރި 10 ވަރަކަށް މިނިޓްގެ ވީޑިއޯއެއްގައި ފެނަށް އެލާޖިކް ވުމުގެ ސަބަބުން އޭނާ ފެންވަރަން ވެސް އުޅެން ޖެހޭ ހާލު ކިޔައިދީފައި ވެއެވެ.

އުމުރުން 23 އަހަރުގެ ނިއާ ބުނި ގޮތުގައި އޭނާގެ ގައިގައި ފެންކޮޅެއް ޖެހުމުން އަންނަ އެލާޖިކް ރިއެކްޝަންގެ އިތުރުން ގައިން ހިއްލާ ދަލަށް ވެސް އޭނާ އެލާޖިކެވެ. އަދި ބޮޑުކަމު ނުވަތަ ކުޑަކަމުދާ އެއްޗިއްސަށް ވެސް އެލާޖިކެވެ. ވިނަ އާއި ހިރަފުހަށް ވެސް އެލާޖިކެވެ. މި ވޭނަށް ކެތް ނުވެގެން ނިއާ އަށް ލޮލުން ކަރުނަ ތިއްކެއް ވެސް ވައްޓާލެވޭކަށް ނެތެވެ. އެ ކަރުނަ ތިކި ވެސް އަލިފާން ކޮޅެއް ފަދައިން އޭނަގެ ހަންގަނޑު ފިއްސާލާތީ އެވެ.

މި ބަލި ތަހައްމަލުކުރާތާ ފަސް ވަރަކަށް އަހަރު ވެއްޖެ ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް ބަލި އިތުރަށް ގޯސްވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނިއާގެ މި ވީޑިއޯ ބެލި ގިނަ ބަޔަކު އޭނާއާ ކޮށްފައިވާ އެއް ސުވާލަކީ ސާފުތާހިރުވުމަށް އޭނާ މިހާރު ބޭނުންކުރަނީ ކޮން ކަހަލަ ޕްރޮޑަކްޓް ތަކެއްތޯ އެވެ؟ މި ސުވާލުގެ ޖަވާބުގައި ނިއާ ބުނީ މައްސަލައަކީ ބޭނުންކުރާ ޕްރޮޑަކްޓެއް ނޫން ކަމަށާއި މައްސަލަ ޖެހެނީ ފެނުން ކަމަށެވެ.

އެހެންކަމުން ފެން ވެރުމަކީ އޭނާއަށް ވަރަށް ވޭންހުރި ކަމެއް ކަމަށް ނިއާ ބުންޏެވެ.

ފެންވަރަން އޭނާ އުޅެން ޖެހޭ ހާލު ވެސް ނިއާ ވަނީ މި ވީޑިއޯގައި ދައްކާފަ އެވެ.

ފުރަތަމަ ކަމަކަށް އޭނާ ކުރާ ކަމަކީ އޭނާގެ ވަށައިގެންވާ ހުރިހާ ތަނެއް ރީތިކޮށް ސާފުކުރުމެވެ. އަދި ހިތަށް ހަމަޖެހުން ލިބޭ ކަހަލަ މިއުޒިކެއް ޖަހައި އުއްބައްތި ރޯކުރެ އެވެ. ދެން ފެންވެރުމުގެ ވޭނަށް ތައްޔާރުވަނީ އެވެ.

ނިއާ ބުނި ގޮތުގައި ފެންވަރަން ފެށުމުގެ ކުރިން 10 ވަރަކަށް މިނިޓް އޭނާ ރީއްޗަށް އޮށޯވެލައިގެން އޮވެ އެވެ. އެ ވޭން ތަހައްމަލުކުރަން އަމިއްލަ ނަފްސާއި ހަށިގަނޑު ތައްޔާރު ކުރުމަށެވެ. އޭގެ ފަހުން އޭނާ ފެން އަޅާ ފުރާފައި ހުންނަ ބާތު ޓަބަށް އެރި ވީހާވެސް އަވަހަކަށް ފެންވަރާ ގައިން ތާހިރު ވަނީ އެވެ.

ފެން ވަރައިން ބާތު ޓަބުން ފައިބާ ގޮތަށް އޭނާ ދުވެފައި ދަނީ އެނބުރޭ ފަންކާއެއް ދޮށަށެވެ. އެތަނުގައި ހުރެ އޭނާ ހަށިގަނޑު ރަނގަޅަށް ހިކެންދެން ގަޔާއި އިސްތަށިގަނޑު ހިއްކަ އެވެ.

ނިއާ ބުނި ގޮތުގައި ފަންކާ އިން އޭނާގެ ގަޔަށް ފިނި ވައި ލިބުނު ކަމުގައި ވިޔަސް އޭނާގެ ހަށިގަނޑު ތެރޭގައިވާ ލޭތައް އެ ވަގުތު ބޮކި ޖަހާފައި ކެކޭ ކަހަލަ ހޫނެއް އޭނާއަށް އިހްސާސް ވެއެވެ.

ގައި ހިއްކުމަށްފަހު އޭނާ ހެދުން ލައިގެން އެނދުގައި އޮށޯންނަނީ އެވެ. އަދި އެ ވޭންތައް ކުޑަވަންދެން އޮންނަނީ އެވެ. އެގޮތަށް އެނދުގައި އޮންނައިރުވެސް ތޫނު މެޓަލްތަކެއް ގަޔަށް ހެރޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ. މިފަދަ ވަގުތުތަކުގައި ތަދުކަނޑުވާބޭހެއް ނުވަތަ އެލާޖިކް ވާތީ ދީފައި ހުންނަ އެއްވެސް ބޭހަކުން ވެސް ލުއި ނުލިބޭ ކަމަށް ނިއާ ބުންޏެވެ. ޚާއްސަކޮށް ބޮޑުވަރުވާ ފަހަރު ފަހަރު ވަރަށް ވޭނުގައި ގިނައިރުތަކަކު އުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ނިއާ މި ވާހަކަ އިންސްޓަގްރާމްގައި ޝެއާކުރީ އޭނާގެ ގަޔަށް ޖަރުމަނުން ފަރުވާއެއް ހޯދާނެކަމުގެ އުންމީދު އޮތުމުން އެ ފަރުވާއަށް ފައިސާ އެއްކުރުމަށެވެ.