ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން މާލޭގައި ހަދާފައިވާ ޕާކިން ޒޯނުން ޖާގަ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ހުޅުވާލައިފި އެވެ.
އަގު ދީގެން ޕާކުކުރެވޭ ގޮތަށް ވިލިމާލޭގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ހަދާފައިވާ ޕާކިން ޒޯނުން ޖާގަ ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން ހުޅުވައިލީ އިއްޔެ އެވެ. މިމަހުގެ 16 ވަނަ ދުވަހުގެ 2:00ގެ ކުރިން ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބަޔަށް ސިޓީ އަކާއި އެކު އައިޑީކާޑުގެ ކޮޕީ އަދި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ކައުންސިލުން ވަނީ އެދިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މި ޕާކިން ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނު މަގުގަ އެވެ.
އަލަށް ތަރައްގީކުރި މި ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ ވެހިކަލަށް 20 ޖާގަ ހަދާފައިވެ އެވެ. މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް އެކަންޏެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ ވެހިކަލް ގެންގުޅޭ މީހުންނަށް 15 ޖާގަ ދޫކުރާނެ ކަމަށާއި ބާކީ ފަސް ޖާގަ ދޫކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ މީހުންނަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ޖާގަ ދޫކުރުމުގައި އަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިން ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށެވެ. އެގޮތުން މި ޒޯން ވެސް ހާއްސަ ކޮށްފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ޕާކިން ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައި ވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750ރ. ނެގުމަށެވެ. އެހެނިހެން ވެހިކަލަށް މަހަކު 1500ރ. ނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން މި ހާލަތު ބަދަލުވެއްޖެ ކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000ރ. އެވެ.