ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާ އާއި ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ފަހު ފައިނަލް ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މި ހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އަވަސް އިން ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަނާމު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތް ދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓްގެ ފައިނަލް ރިޕޯޓް މި ހަފްތާ ތެރޭގައި ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ އެ ރިޕޯޓުގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށެވެ.
މަޖިލީހުން ކޮށްފައިވާ މަސައްކަތާއި ގުޅޭގޮތުން ވިދާޅުވީ އެއީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި ރިޕޯޓްގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަށް ދިރާސާ ކުރަމުންދާ ކަމަށާއި ބައެއް ކަންކަމަށް ސަރުކާރުން މިހާރު ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ހަތަރު ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި އެކަން ކުރަން ރައީސް އެންގެވީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ. ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންތަކެއް ހިމެނޭ އެ ކޮމިޓީގައި އިސްކޮށް ހުންނެވީ ސެކްރެޓެރީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީސް އައިޝަތު ނޫޝީން ވަހީދު ކަމަށް ވެއެވެ.
ރައީސް ސޯލިހް ކުރީން ވިދާޅުވީ ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދެވުނުއިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅިގެން ދިރާސާއެއް ހެއްދެވި ކަމުގައިވެސް ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އޮޑިޓެއް ހެދުމަށް އެންގެވިއިރު ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރިން ވިދާޅުވެފައިވެ އެވެ. އަދި އިލްޔާސް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަަށް މާރިޔާ ވެސް ވިދާޅުވެފައިވެ އެވެ. އެހެންވެ ރައީސް ނަޝީދަށް ހަމަލާ ދެވުނީ މިނިސްޓަރު މާރިޔާއާ ހިއްސާކުރި މައުލޫމާތަށް ބަލައި ފިޔަވަޅު ނޭޅުމުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ފާޑުކިޔުން މިނިސްޓަރު މާރިޔާ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެކަމަކު އެ މައުލޫމާތާ ހަމަލާއާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.