ހަރުކަށި ފިކުރާ ދެކޮޅަށް ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލްތަކުގައި އެކި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުފެދޭ ނޭއްގާނީ ހިޔާލުތައް އެންމެ ބޮޑަށް ކުޅެނީ ކުޑަކުދިންގެ ފިކުރާ ކަމަށެވެ. އަދި އެކަން ހައްލު ކުރެވޭނީ ޅަފަތުން ފެށިގެން ކުދިންނަށް ދީނީ ތައުލީމު އުނގަނައިދީގެން ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މި އަހަރުގެ މިނިވަން ދުވަހު ގައުމާ މުހާތަބުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ދިވެހިންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކަކީ އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއް ކަމަށެވެ. އެއީ އެއްވެސް ހަމައަކުން ބަލާއިރު އިސްލާމީ އަދި އަހުލާގީ ހަމަތައް އަދި ދީނީ އުސޫލުތަކާ ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
ހަރުކަށި ފިކުރުން ކުޑަކުދިން ސަލާމަތް ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވަނީ އެންމެ ޅަފަތުން ފެށިގެން ކުޑަ ކުދިންނަށް ދީން އުނގަންނައި ދިނުމަަށް ގޮވާލެއްވި އެވެ.
ރައީސްގެ އެ ގޮވާލެއްވުމާއި އެއްގޮތަށް ސްކޫލްތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ޕްރޮގްރާމްތަކެއް ދަނީ ހިންގަމުން ކަަމަށާއި އިތުރު ޕްރޮގްރާމްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގެ ތަފްސީލް ހާމަކުރައްވާނީ ފަހުން ކަމުގައިވެސް ވިދާޅުވި އެވެ.
މީގެއިތުރުން ކުޑަކުދިން ކުށުގެ ވެށީގައި ގިނަވަމުންދާތީ އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތްމަތު އައްޒަ ވިދާޅުވި އެވެ.
ކުޑަކުދިންގެ މައްސަލަތަކާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަތޮޅުތެރޭގެ ސުކޫލްތަކުގައި ހޭލުންތެރިންކަމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށްވެސް އައްޒަ ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވޭ ކުށުގެ ވެށީގައި އުޅޭ ބައެއް ކުދިން ސްކޫލަށް ނުދާކަން. އެ ކުދިން ދެނެގަނެ ހާއްސަ ޕްރޮގްރާމްތައް ވެސް ހިންގަމުން ދަނީ". އައްޒަ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިން ބަލައި، މުއައްސަސާތަކާ ގުޅިގެން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.