ޓޫރިސްޓް އެރައިވަލް

އެއް ދުވަހެއްގައި 6000 އަށް ވުރެ ގިނަ ޓޫރިސްޓުން

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާލި ފަހުން ރެކޯޑް އަދަދެއްގެ ފަތުރުވެރިން އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 6083 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހެވެ.

މިމަސް ފެށުނު ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ ދުވަހެއްގެ އެވްރެޖްކޮށް އުޅެނީ 4000 އިން މަތީގަ އެވެ. އަދި މިމަހުގެ ދެ ދުވަހެއްގައި 5000 އަށް ވުރެ ގިނަ ފަތުރުވެރިންވެސް ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ވަރަށް ބޮޑަށް އިތުރުވި އިރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަނީ ލުއި ދޭން ވެސް ފަށާފަ އެވެ. އަދި މިހާރު ގެސްޓް ހައުސްތައް ހުންނަ ރަށްރަށަށްވެސް ދެވެ އެވެ. އޭގެ އިތުރުން ރާއްޖެ އަންނަ އިރު މިހާރު ގެންނަން ޖެހެނީ 96 ގަޑިއިރު ހަމަނުވާ ޓެސްޓު ނަތީޖާއަކާ އެކު އެވެ.

ރާއްޖެއަށް އެންމެ ގިނައިން މިހާރު އަންނަނީ ރަޝިއާއާއި އިންޑިއާގެ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 157 ރިސޯޓު ހިންގަމުންދާއިރު 60 ރަށެއްގައި 460 ގެސްޓްހައުސް ވެސް ދަނީ ހިންގަމުންނެވެ.