ޓެކްނޯލޮޖީ

މީ މިކްސް 4ގެ ތަފްސީލްތައް އާންމުކޮށްފި

މީ މިކްސް ހަތަރެއްގެ ސްޕެސިފިކޭޝަންތައް ގީންކް ބެންޗްގައި ލިސްޓްކޮށްފި އެވެ.

ޒިއޯމީ އިން ވަނީ މީގެ ކުރިން މީ މިކްސް ހަތަރެއް މި މަހުގެ 10 ވަނަ ދުވަހު ދައްކާލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ކުރިން ގީކްލެބްގައި ވަނީ މި ފޯނާއި ބެހޭ މައުލޫމާތުތައް ލިސްޓްކޮށްފަ އެވެ.

ގީކްލެބް އަކީ ޓެކްނޮލޮޖީ ހާޑްވެއާ އަދި ސޮފްޓްވެއާ ސްޕެސިފިކޭޝަންތައް ލިސްޓް ކުރާ މަގުބޫލް ވެބްސައިޓެކެވެ.

މީ މިކްސް ހަތަރެއް ފޯނަކީ އަދި އެއްވެސް ތަނަކު ރިވިއު ކޮށްފައިވާ ފޯނެއް ނޫނެވެ. އަދި މީ މިކްސް ހަތަރެއް ފޯނަކީ 2016 ވަނަ އަހަރު ޒިއޯމީއިން ނެރެންފެށި މީ މިކްސް ސީރީޒްގެ ދަށުން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފްލެގްޝިޕް ފޯނެކެވެ.

މިފަހަރުގެ މީ މިކްސް ފޯނަކީ ކުރިން ނެރުނު މީ މިކްސް ތިނެއް ފޯނާ ވައްތަރު ގޮތެއް ހުންނަ ފޯނެއް ނަމަވެސް ސްޕެކްސް ލިސްޓަށް ބަލާލުމުން ގެނެސްފައިވާ ގިނަ ބަދަލުތައް ފެނިގެންދެ އެވެ.

މީ މިކްސް ހަތަރެއްގައި ސީޕީޔޫގެ ގޮތުގައި ބޭނުން ކުރަނީ ސްނެޕް ޑްރެގަން 888 އެސްއޯސީ އެވެ. މި ސީޕީޔޫ އަކީ އަށް ކޯ ހިމެނޭ ސީޕީޔޫ އެކެވެ. މީގެ އިތުރުން މި ފޯނުގައި 12 ޖީބީގެ ރެމް ހިމެނޭ އިރު ފޯނުގައި އޮޕަރޭޓިން ސިސްޓަމެއްގެ ގޮތުގައި ބޭނުން ކުރަނީ އެންޑްރޮއިޑް 11 އެވެ.

މީމިކްސް ފޯނު މި އޮގަސްޓް 10 ވަނަ ދުވަހު އިއުލާންކޮށް އާންމުންނަށް ދައްކާލުމަށް ފަހު ވަރަށް ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށް ލަފާ ކުރެވެ އެވެ.