ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުންމަތް ނިކަމެތިވީ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުން: ރައީސް

މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސް ވިދާޅުވީ ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކޮންމެ ފަރުދެއްގެ އިންސާނީވަންތަ ކަމަށް ހުރުމަތްތެރިކޮށް ހިތައި އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމާއި އަނެކުންގެ ފުރާނައާއި މުދަލަށް ހަމަ ކޮންމެ މީހަކުމެ ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭނެކަން ކަމަށެވެ.

ހިޖުރައިގެ ހާދިސާއަކީ އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި މަތިވެރި ހާދިސާއެއްކަމުގައި ވިދާޅުވެ ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ ހިޖުރައިގެ ހާދިސާއިން ލިބިދިން އިބްރަތްތަކުގެ އަލީގައި އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީހު ޖަހަމުން އަންނަނީ ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން އިބްރަތް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

"ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން އެންމެހައި މުސްލިމުންނަކީ އިންސާނީ އަހްވަންތަކަމާއި މާތްﷲގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމެވެ. ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވެގެންދިޔައީ އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުންނެވެ،" ރައީސް ވިދާޅުވިއެވެ.

އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެން ދިޔައީ މުސްލިމުންގެ މެދުގައި އޮތް އަހުވަންތަ ގުޅުމުގެ ސަބަބުންނެވެ. މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ އިސްލާމީ އަހްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން އިސްލާމީ އުންމަތް ބައިބައިވެފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | އައު އަަހަރުގެ ހިތާބް

ރައީސުލްޖުމްހުރިއްޔާ އިތުރަށް ވިދާޅުވެފައި ވަނީ ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން އެންމެހައި މުސްލިމުންނަކީ އިންސާނީ އަހްވަންތަކަމާއި މާތް ﷲ ގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމެވެ.

އަދި ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވެގެން ދިޔައީ އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން އިސްލާމީ އުންމަތް ބައިބައިވެފައިވާތީ އެވެ.