ދިވެހި ބަހުގެ އެކެޑަމީ

ރައީސަކަށް އަޝްރަފް، ނާއިބަކީ ޒުލްފާ

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް އަދި ނާއިބަކަށް ޒުލްފާ އިބްރާހީމް ހޮވައިފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހިބަހުގެ އެކެޑަމީގައި ހިމެނޭ މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރު މިއަދަށް ހަމަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވާފައެވެ.

މިއަދު އައްޔަންކުރެއްވި ތިން މެންބަރުންނަކީ ދަފްތަރު ނަންބަރު 1901 ޑޮކްޓަރު އަޝްރަފް އަބްދުއްރަހީމް އާއި ޅ.ކުރެންދޫ ނޫރަންގެ ޒުލްފާ އިބްރާހީމް އާއި މ.ޑައިމަންޑްވެލީ މުހައްމަދު ޝާހިދު ހަލީމެވެ. މި ތިންބޭފުޅުންގެ ތެރެއިން މުހައްމަދު ޝާހިދު ހަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރުކަމުގެ ދައުރު ހަމަވި ތިން ބޭފުޅުންނަކީ އަޝްރަފް އަލީ އާއި ރާފިއާ އަބްދުލްގާދިރު އަދި މުހައްމަދު ޝާހިދު ހަލީމެވެ. ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން އާއި އިޔާޒު ޖާދުﷲ ނަސީމް އާއި މުހައްމަދު ޝާހިދު ހަލީމް އާއި އަޝްރަފް އަބްދުއްރަހީމް އަދި ޒުލްފާ އިބްރާހީމް އެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް އާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން މިއަދު ވަނީ އެކަޑަމީގެ ރައީސް އާއި ނާއިބު ރައީސް ހޮވާފައެވެ.