ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެޕޮއިންޓްމަންޓް ނެތި ވެކްސިން ޖެހޭނެ ގޮތް ހަދައިފި

ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ސިންގަޕޫރު ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމަންޓް ނެތި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިއަދާ ހަމައަށް ވެކްސިން ޖަހައިދެމުން އައީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން އެޕޮއިންޓްމަންޓް ނެތި އެސްޓްރާޒެނެކާ ވެކްސިން ޖަހަން ސެންޓަރުތަކަށް ދާ މީހުންނަށްވެސް ވެކްސިން ދޭނެ ކަމަށެވެ. ނަމަވެސް އަދިވެސް އެޕޮއިންޓްމަންޓް އުސޫލު އޮންނާނެ އެވެ. އެޗްޕީއޭ އިން ބުނީ އިސްކަން ދޭނީވެސް އެޕޮއިންޓްމަންޓް ހައްދާ މީހުންނަށް ކަމަށެވެ.

އެޕޮއިންޓްމަންޓް ނެތި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭން ފަށަން ނިންމާފައި މިވަނީ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދިނުމަށް ސަރުކާރުން ފަށާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައެވެ. ވެކްސިން ސެންޓަރުތަކުން ދުވާލަކު 5،000 މީހުންނަށް ވެކްސިން ދޭނެ ކެޕޭސިޓީ ހުރި ނަމަވެސް ވެކްސިން ޖަހަން ދަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ބައެއް ހިދުމަތް ހޯދަން ފުރުސަތު ހަނިވާ ގޮތަަށް އަމަލު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އިއުލާނެއްގައި ބުނެފައިވަނީ ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އަންގާ ކަމަށާ އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތުހަމަވެ ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި
ނުވާ މީހުންނާމެދު ވަކިގޮތެއް އަންގަންދެން އަމަލު ކުރެވޭނެ ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށެވެ.

އެގޮތުން ހޮޓާތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުމާއި ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުމާއި ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުމާއި ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ މީހުންނަށް ވަކި ކަންކަމެއް ޝަރުތުކުރުމާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުރުވުމުގައި ވަކި ކަންކަމެއް ޝަރުތު ކުރެވިދާނެ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލްގެ އެންގުމުގައި މި ކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ސެޕްޓެމްބަރު ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރުމަށް އަންގާފައިވާ ކަމަށެވެ.