އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ބްރިޖެއް އަޅަން ރައީސް އަށް ހުށަހަޅަނީ

Aug 9, 2021
1

ހުޅުދޫއާއި މީދޫ އައްޑޫގެ ގުޅިފައިވާ އެހެން ރަށްތަކާ ގުޅާލުމަށް ބްރިޖެއް އަޅައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާނެ ކަމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ މޭޔަރު މިހެން ވިދާޅުވީ ކްލަބްހައުސްގައި އައްޑޫވޮއިސްގެ ނަމުގައި މިރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި އައްޑޫގެ ރައްޔިތުންގެ ހިޔާލުތަކާއި މަޝްވަރާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެވެ.

މިބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހުޅުދޫއާއި މީދޫ އައްޑޫގެ ގުޅިފައިވާ އެހެން ރަށްތަކާ ގުޅާލުމަށް ބްރިޖެއް އެޅުމަށް ކައުންސިލް ބައްދަލުވުމެއްގައި އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ އައްޑޫ ރައްޔިތުން އެދޭ ކަމެއް ކަމަށްވާނަމަ ކައުންސިލަށް ހުށަހަޅައި ގޮތްތަކެއް ނިންމުމަށްފަހު ރައީސް ސޯލިހަށް ވެސް ބްރިޖުގެ ހިޔާލު ހުށަހަޅުއްވާނެ ކަމަށެވެ.

އައްޑޫގައި ބްރިޖު އެޅުމަށް ވަކާލާތު ކުރާ މީހުންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވަމުން އަލީ ނިޒާރު ވިދާޅުވީ އެ މަސައްކަތް ރައްޔިތުން ކުރިއަށް ގެންގޮސް އެކަމަށް ވީހާވެސް ބޮޑަށް ޑިމާންޑް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އައްޑޫގައި ބްރިޖެއް އެޅުމަކީ ރައްޔިތުން އެދޭ ކަމަކަށް ވާތީވެ ބްރިޖާ ގުޅޭ ބައެއް މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ސަރުކާރުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫގައި ބްރިޖެއް އެޅުމަށްޓަކައި ކޮންސެޕްޓެއް ތައްޔާރުކޮށްދިނުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ނިޒާރު ވެވަޑައިގެންނެވި ވައުދެކެވެ.

ނިޒާރު ވިދާޅުވީ ބްރިޖެއް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް ތަރައްގީގެ އެހެން ހަރުފަތަކަށް ދިއުން ކަމަށެވެ. ބްރިޖާ އެކު އަމާޒަކީ އައްޑޫގެ އާބާދީ 70،000 އިން މައްޗަށް ޖެއްސުން ކަމަށްވެސް ވިދާޅުވި އެވެ.

"އައްޑޫ ރައްޔިތުން ބުރިޖަކަށް ނޭދޭނަމަ އިތުރު ބުރިޖެއް ދެންވެސް އަޅާނެ ކަމަށް ބެލެވެނީ މާލެ ސަރަހައްދުގައި. އެއީ ޔަގީންވާ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުން ނަމަ އައްޑޫ ބްރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 14.5 ކިލޯމީޓަރެވެ. އަދި ބްރިޖު އަޅަންޖެހޭ ސަރަހައްދުގައި އެންމެ ފުން ހިސާބުތަކުގައި ވެސް ހުންނާނީ 40 މީޓަރުގެ ފުންމިނެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި އައްޑޫގައި އަޅަން ބޭނުންވާ ބްރިޖަށް އެންމެ ބޮޑު ވެގެން ވެސް ހަރަދުވާނީ 400 މިލިއަން ޑޮލަރު ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫގެ ބްރިޖެއް އަޅައިދިނުމަށް ގޮވާލާ އެތައް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ވެސް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.