ދުނިޔެ

އިނގިރޭސި މަނަވަރުތަކުގެ އަޑިން ޗައިނާ ސަބްމެރީން ދަތުރުކޮށްފި

އިނގިރޭސި މަތިންދާބޯޓް އުފުލާ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ނުކުމެ ޕެސިފިކަށް މިސްރާބު ޖެހިއިރު ޗަައިނާގެ ނިއުކްލިއާ ސަބްމެރިންތައް ކަނޑުއަޑިން ދަތުރުކުރިކަން ހާމަވެއްޖެ އެވެ. މިސަބްމެރީންތައް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ވެސް މަތިންދާ ބޯޓް އުފުލާ މަނަވަރުތަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިކަމާ ގުޅިގެން ހަމަނުޖެހުންތަކެއް ނުހިނގަ އެވެ. މަނަވަރުތަކުގެ ސޯނާއަށް ސަބްމެރީންތައް ފެނުމުން އެކަން ހުއްޓާލަން ވަނީ އަންގާފަ އެވެ. ބެލެވޭ ގޮތުގައި މައްސަލައަކަށް ނުވެ ދިޔައީ ދެފަރާތުން ވެސް ދޫދިނުމުންނެވެ.

އިނގިރޭސި މަނަވަރުތަކާއި އެމެރިކާ މަނަވަރުތައް ދެކުނު ޗައިނާ ކަނޑަށް ވަދެފައި ވަނީ ޗައިނާއިން އެސަރަހައްދު ވެރިކޮށްފައި އޮންނާތީ ކަމަށް ބުނެ އެވެ. އެކަނޑަކީ އެތައް ގައުމެއްގެ މިލްކެއް ނަމަވެސް ހުޅަނގުން ބުނާ ގޮތުން ޗައިނާގެ ނުފޫޒު ގަދަ އެވެ.

ޗައިނާއިން ދެކުނު ޗައިނާ ކަނޑަށް ފެތުރިގަނެ ބާރުވެރިވެގެންފައި އޮންނާތީ ހުޅަނގުން ވަރަށް ކަންބޮޑުވެ އެވެ. ޓައިވާންއާ ހޮންކޮންގްއަށް ޗައިނާ ބާރުގަދަކޮށް ހުޅަނގުގެ އެޖެންޑާތައް ބަލިކަށިކޮށްފާނެ ކަމަށް އޮންނަ ބިރާހެދި އެމެރިކާއާއި އިނގިރޭސީންގެ އަސްކަރީ ބާރުވެރިކަން އެސަރަހައްދަށް ދޭތެރެ ދޭތެރެއިން ފޮނުވަ އެވެ.

ބޭރު ގައުމުތަކުގެ އަސްކަރީ ފައުޖުތައް ދެކުނު ޗައިނާ ކަނޑަށް ވަނުމަކީ ޗައިނާއިން ދެކޮޅުހަދާ ކަމެއް ނަމަވެސް ހުޅަނގުން ބުނަނީ ބައިނަލްއަގްވާމީ ކަނޑެއްގައި ދަތުރުކުރުން ކޮންމެ ބަޔަކަށް ވެސް ހުއްދަ ކަމަށެވެ.

އެމެރިކާގެ ކުރީގެ ބައެއް ޖެނެރަލުން ޗައިނާއާ މެދު ބުނަނީ އަސްކަރީ ގޮތުން އެމެރިކާއަށް ވުރެ ބާރުގަދަ ކަމަށް ފެންނަ ކަމަށެވެ. ޗައިނާއިން ރާވާފައި އޮންނަ ގޮތް ސިފަކުރަން ނޭނގޭ ކަމަށާއި އާހަތިޔާރު ގިނަ އަދަދަކަށް އުފައްދާފައިވާ ކަމަށް ވެސް ބުނެ އެވެ.