ސޮނެވާ ފުށި

ސޮނޭވާ ފުށިން ޓޫރިސްޓުންނަށް ބޯޓްވިލާ ތައާރަފު ކުރަނީ

Nov 22, 2015

ސޮނޭވާ ފުށި ރިސޯޓުން އަންނަ މަހު ހާއްސަ ހިދުމަތް ތަކާއެކު "ބޯޓު ވިލާ" ގެ ހިދުމަތް ފަށަން ތަައްޔާރުވެއްޖެ އެވެ.

ސިންގަޕޫރުގެ "ދަ ސްޓާ ޓައިމްސް" ގައިވާ ގޮތުން ކަނޑުމަތީގައި ދުއްވާ ގޮތަށް ފަރުމާކޮށްފައިވާ "ބޯޓް ވިލާ" ގެ ހިދުމަތް ސޮނޭވާ ގްރޫޕުން ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ރިސޯޓުތަކުގައި ދިނުމަށް ޕްލޭންކޮށްފައިވާއިރު، އެންމެ ފުރަތަމަ މި ހިދުމަތް ތައާރަފުކުރާ ގައުމީ ރާއްޖެ އެވެ.

"ބޯޓްވިލާ" ގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ހަދާފައިވާ ހާއްސަ އުޅަނދުގައި ފެންވަރުމަތީ ކޮޓަރިތައް ހުންނައިރު، މީގެ ކޮންމެ އުޅަނދެއްގައި ކްރޫއިންނާއި ސްޕާ ތެރަޕިސްޓުންގެ އިތުރުން ކެއުންތައް ތައްޔާރު ކުރުމަށް ހާއްސަ ކައްކާ އިން ވެސް ތިބޭނެ އެވެ. ބޯޓު ވިލާގެ ކޮޓަރިތައް ވިއްކަނީ ރެ އަކަށް ގާތްގަނޑަކަށް 5،000 ޑޮލަށެވެ. މި އުޅަނދު ފަހަރުގައި ހަތަރު ޓޫރިސްޓުންނަށް ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭއިރު ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދޭނެ ކަމަށް ސޮނޭވާ ގްރޫޕުން ބުނެފައިވެ އެވެ.

ސޮނޭވާ ގްރޫޕުން ބުނި ގޮތުގައި 20 މީޓަރު ދިގު ގާތްގަނޑަކަށް ހަ މީޓަރު ފުޅާ ބޯޓު ވިލާތަކުގައި ހިދުމަތް ދިނުމަށް ހަ ކްރޫއިން ހަރަކާތްތެރިވާނެ އެވެ.

ސޮނޭވާ ފުއްޓަކީ މަޝްހޫރު ގިނަ އަދަދެއްގެ ތަރިން ޗުއްޓީ ހޭދަކުރާ ރިސޯޓެކެވެ. މި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާ މަޝްހޫރު މީހުންގެ ތެރޭގައި މެޑޯނާ ހިމެނެ އެވެ.