ޓެކްނޯލޮޖީ

ސައިބާ ޓްރަކް އުފެއްދުން ފަސްކޮށްލައިފި

ޓެސްލާއިން އެކުންފުނީގެ ސައިބާ ޓްރަކް އުފައްދަން ފަށާ ތާރީހު ފަސްކޮށްފި އެވެ.

އެކުންފުނިން މި އަހަރު ނެރުމަށް ކުރިން ނިންމާފައި އޮތް މި އުޅަނދު މިހާރު އުފައްދަން ނިންމާފައިވަނީ 2022 ވަނަ އަހަރު އެވެ.

މިއީ ޓެސްލާއިން ނެރޭ އިލެކްޓްރިކް އުޅަނދުތަކުގެ ތެރެއިން އެކުންފުނިން ނެރޭ ފުރަތަމަ ޕިކަޕް ޓްރަކެވެ. މި ޕިކަޕް އެންމެ ފުރަތަމަ އާންމުންނަށް ދައްކާލާފައި ވަނީ 2019 ވަނަ އަހަރު އެވެ.

ޓެސްލާގެ ވެބްސައިޓްގައި، ސައިބާ ޓްރަކަށް އޯޑާ ކުރުމަށް ބޭނުން ކުރާ ޕޭޖްގައި މިހާރު އޯޑާ ފުރިހަމަ ކުރެވޭނީ 2022 ވަނަ އަހަރު ޕިކަޕް އުފައްދާ ތާރީހާ ގާތްކޮށްފައި ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

ފަސްކޮށްފައިވާ މި ތާރީހަކީ ސައިބާ ޓްރަކްގެ ތިން އުފެއްދުމަށް ތައްޔާރުކުރުމަށް ގެނައި ފަސްވުމެކެވެ. އެއީ ސައިބާ ޓްރަކްގެ "ސިންގަލް މޯޓާ"، "ޑުއަލް މޯޓާ"، އަދި "ޓްރައި މޯޓާ"ގެ ވައްތެރެވެ.

ޓެސްލާގެ ސީއީއޯ އިލޮން މަސްކް 2019 ވަނަ އަހަރު ސައިބާ ޓްރަކް އާންމުންނަށް ދައްކާލަމުން ބުނެފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅަށް ސައިބާ ޓްރަކް ގަންނަން ލިބޭނެ ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ޓެސްލާގެ ހަތަރުވަނަ ކުއާޓަރުގެ އާމްދަނީ ކޯލްގައި އިލޮން ބުނެފައިވަނީ ސައިބާ ޓްރަކްގެ ބައެއް ޑެލިވަރީސް މިއަހަރު ފަހުކޮޅަށް ކުރެވުނު ކަމުގައިވިޔަސް އެ ޕިކަޕް ޓްރަކްގެ ޑެލިވެރީ ރަސްމީކޮށް ފަށާނީ 2022 ވަނަ އަހަރުގައި ކަމަށެވެ.

ޓެސްލާގެ ވެބްސައިޓުން މިހާރު ދައްކާ ގޮތުގައި ސައިބާ ޓްރަކްގެ ޕްރޮޑަކްޝަން ވެސް ފަށްޓާނީ 2022 ވަނަ އަހަރެވެ. މިސަބަބާއި ގުޅިގެން މިއަހަރު ސައިބާ ޓްރަކްގެ އެއްވެސް ޑެލިވަރީއެއް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.