ސިވިލްސާވިސް ކޮމިޝަން

އެސްޖީން މިމަހު އައްޔަންކުރެވޭނެ: ސީއެސްސީ

Aug 9, 2021

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ލޯކަލް ކައުންސިލްތަކަށް މިމަހުގެ ތެރޭގައި ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް ބޭފުޅުން އައްޔަންކުރެވޭނެ ކަމަށް ސީއެސްސީން ބުނެފި އެވެ.

ސީއެސްސީން މިހެން ބުނެފައި މިވަނީ ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރުން އަންނަ މަހަށް ފަސްވި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އަވަސް އަށް ދެއްވި އިންޓަވިއު އެއްގައި ސީއެސްސީގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ އިމްތިހާން އިއްޔެ ބާއްވާފައިވާތީ ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ހުރި ގިނަ ރަށްތަކުގެ އެ މަގާމަށް ބޭފުޅުން މިމަހުގެ ތެރޭގައި އައްޔަންކުރެވޭނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ތައްޔާރުވަމުންދާއިރު ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނުކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަކަށް ކޮންމެ ކައުންސިލަކަށް އެއް ބޭފުޅެކެވެ.

ލޯކަލް ކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލިއިރު 511 މީހަކު ކުރިމަތިލާފައިވެ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކަށް 54 އެޕްލިކޭޝަން އަތޮޅު ކައުންސިލްތަކަށް 86 އެޕްލިކޭޝަން އަދި ރަށު ކައުންސިލްތަކަށް 317 އެޕްލިކޭޝަން ލިބިފައިވެ އެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ސޯޓްލިޝްޓް ކުރެއްވި ބޭފުޅުންނަށް އިމްތިހާނަށް ފުރުސަތު ދިނުމުން 272 މީހަކު އިމްތިހާން ހަދާފައިވާ ކަމަށެވެ.

"އިމްތިހާން ވެސް ނިމިފައިވާތީ ދެން ހުރި މަސައްކަތްތައް ކުރިއަށް އޮތް ހަތަރު ފަސް ދުވަހަކުން ނިންމާލެވޭނެ ކަމަށް ފެންނާތީ ކުރިން ވެސް ކަނޑައެޅި ގޮތަށް މިމަހު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރެވޭނެ ކަމަަށް ފެންނަނީ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލްތައް ހިމެނޭ އަދަދަށް ވުރެ ގިނަ ބޭފުޅުން ސެކްރެޓަރީ ޖެނަރަލުންގެ އިމްތިހާން ހަދާފައިވީ ނަމަވެސް ބައެއް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތި ނުލާ ކަމަށެވެ.

"ހަގީގަތުގައި އަދަދު އިތުރުކޮށް އެ ފެންނަނީ ބައެއް ކައުންސިލްތަކަށް ވަރަށް ގިނަ އަދަދަކަށް ބޭފުޅުން ކުރިމަތިލާފައިވާތީ. އާބާދީ މަދު ބައެއް ރަށްތަކަށް ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ތަފާތު ސަބަބުތަކާ ގުޅިގެން އެއްވެސް ބޭފުޅަކު ކުރިމަތިނުލާ އެބަހުރި. އެހެންވީމާ އަލުން އެ މަގާމުތަކަށް އަޅުގަނޑުމެން ހުޅުވާލާނަން،" އިބްރާހީމް ރަޝީދު އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 18،170 ރުފިޔާ، އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 21،000 ރުފިޔާ އަދި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 35،500 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.