ސަލްމާން ރަސްގެފާނު މިސްކިތް

ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނަގަނީ

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެހީގައި އިމާރާތް ކުރި ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މިސްކިތް ބަލަހައްޓަމުން ގެންދާ އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަބްދުލް އަޒީޒް މިއަދު އަވަސްއަށް ވިދާޅުވީ މިސްކިތް އެއްކޮށް ހުޅުވާލާ އިރު އެ މިސްކިތް ބެލެހެއްޓުމަށް 30 މުވައްޒަފުން ބޭނުންވާނެ ކަމަށެވެ.

ނަމަވެސް އަދި މިވަގުތު ވަޒީފާއަށް ނަގަނީ 14 ވަރަކަށް މުވައްޒަފުން ކަމަށް އަޒީޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ބައެއް ވަޒީފާތަަކަށް ކުރިމަތިލާން ހުޅުވާލައިފައި. އަދި ކުރިމަތިލި ބައެއް ފަރާތްތަކާ އިންޓަވިއުވެސް ފަށައިފައި،" އަޒީޒް ވިދާޅުވި އެވެ.

އެ މިސްކިތުގެ ކަރަންޓާ ފެނުގެ ނިޒާމް ބަލަހައްޓަނީ ވަކި ހާއްސަ ސިސްޓަމަކުން ކަމަށްވާތީ އެކަމަށްޓަކައި ޓެކްނިކަލް އަދި އިންޖިއަނަރުން ހޯދަން އިއުލާންކޮށްފައި ވެއެވެ.

"މިސްކިތުގެ ސަޕޯޓް ސާވިސްއަށް އެކަނިވެސް ބޭނުންވާނެ 15 މުވައްޒަފުން،" އަޒީޒް ވިދާޅުވި އެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހެދި ސަލްމާން މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އެ މިސްކިތް ހުޅުވަން އެކި ތާރީހުތަކެއް ދިން ނަމަވެސް މިހާތަނަށް ވެސް ނުހުޅުވަ އެވެ. އަދި ހުޅުވަން ލަސްވަނީ އެ މިސްކިތް ހުޅުވަން ސައުދީން އަންނަ ވަފުދު އައުން ލަސްވެގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ސަލްމާން މިސްކިތް ހުޅުވާނެ ތާރީހު ކަނޑައަޅަން ސައުދީ އަރަބިއްޔާއިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދުގައި ޝާހީ އާއިލާގެ ބޭފުޅަކު ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސަލްމާން މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.