ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތަކުގެ މުވައްޒަފުންގެ ވެކްސިން ޕްރޮގްރާމު ކާމިޔާބު: އެޑިޔުކޭޝަން

ދިރާސީ އައު އަރަހުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގަމުންދާ ހާއްސަ ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު އަވަސް އަށް ވިދާޅުވީ، މާލެއިން 96 ޕަސެންޓު ޓީޗަރުން ވެކްސިން ފުރިހަމަ ކުރިއިރު، ރަށްރަށުން 95 ޕަސެންޓު ޓީޗަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ސްކޫލްތަކުގެ މުވައްޒަފުންނަށް ހާއްސަ ވެކްސިން ޕްރޮގްރާމަށް މާލެ ސަރަހައްދުންނާއި އަތޮޅުތެރެއިން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވި އެވެ. ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ ތިބި ޓީޗަރުން ވެސް މިހާރު ފުރަތަމަ ޑޯޒް ޖަހާފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

އަހްމަދު އަލީ ވިދާޅުވީ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މުވައްޒަފުންނާއި އެހެންވެސް ފަރާތްތަކުން ސްކޫލްގެ ގޯތިތެރެއަށް ނުވަދެވޭނެ ކަމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް މިނިސްޓްރީން އަމަލުކުރާނެ ކަމަށެވެ.

"މާލޭގައި ވެކްސިން ޕްރޮގްރާމް ފެށާ މިއަހަރު ފެބްރުއަރީ މަހު. ގިނަ ރަށްރަށަށް ވެކްސިން ފޯރުކޮށްދެވުނީ ވަރަށް ފަހުން. އެެހެންވެ ބައެއް ޓީޗަރުންނަށް ވެކްސިން ޖެހުމުގައި ލަސްވީ،" އަހުމަދު އަލީ ވިދާޅުވި އެވެ.

މިހާރު ހުރިހާ ސްކޫލްތަކަކުން ވެސް އެ ސްކޫލެއްގެ ހުރިހާ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރުވެސް ބައެއް ސްކޫލުތަކުން 100 ޕަސެންޓް މުވައްޒަފުން ވެކްސިން ޖަހާފައިވާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.