ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

4973 ދަރިވަރުން ކޮވިޑް ވެކްސިން ޖަހައިފި

ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން 4973 ކުދިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑުން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅު ތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށެވެ.

ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެވެ. އެ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ގާތްގަނޑަކަށް 40000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ އެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އެޑިއުކޭޝަނުން އަންގަމުންދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށްވެސް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒު ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށްފަހު، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ.

ދަރިވަރުން ވެކްސިން ޖަހަން ގޮސް ކިއުއެއްގައި ޖެހެން ނުޖެހޭނެ ކަމަށާއި ދަރިވަރުން ވެކްސިން ޖަހަން ދާނީ އެ ދަރިވަރަކަށް ދީފައިވާ ވަގުތެއްގަ އެވެ. އެގޮތުން 30 މިނެޓްގެ ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެއާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިބޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަން ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.