އަހުމަދު މަހްލޫފު

މަހްލޫފަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމުން މައްސަލަ ރާބިއު އާއި ސަލީމް އަތަށް

Aug 9, 2021
5

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ ދިރާސާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނަރަލް އޮފީހުގައި އެކުލަވާލާފައި އޮތް ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ކޮމެޓީ އިން ބަލަމުން ގެންދިޔަ މައްސަލަ އެ ކޮމިޓީ މެންބަރުންގެ އަތުންނަގާ އަބްދުﷲ ރާބިއު އާއި މަހްމޫދު ސަލީމް އާއި ހަވާލުކޮށްފި އެވެ.

އަދި މައްސަލަ އެބޭފުޅުންނާ ހަވާލުކުރެއްވީ މަހްލޫފްގެ މައްސަލަ ދިރާސާ ކުރުމަށްފަހު އެކި ފަހަރުމަތިން ބޭއްވި ބައްދަލުވުންތަކުގައިވެސް މަހްލޫފްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެއްކެއް ނެތް ކަމަށް ކޮމިޓީ އިން ޕީޖީ ޝަމީމް އަށް ލަފާ ދެއްވާފައި ވަނިކޮށް ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

އަދި މިހެން މިކަން ދިމާވަނީ ސިޔާސީ ޕްރެޝަރެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ.

‎މިކޮމިޓީ އަކީ އެމްއެމްޕީއާރްސީގެ ހުރިހާ މައްސަލަތަށް ދިރާސާ ކުރުމަށް ޕީޖީ އޮފީހުގައި އެކުލަވާލާފައި އޮންނަ ކޮމިޓީއެކެވެ. އަދި މިއަދާ އަހަމައަށް އައިރުވެސް މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ އެއް އުފުލާފައިނުވަނީ އޭސީސީއިން ފޮނުވި މައްސަލައިގަ ދައުވާ ކުރެވޭ ވަރުގެ ހެއްކެތް ނެތް ކަމަށް އެކޮމިޓީގެ ޕްރޮސެކިއުޓަރުން އެގޮތަށް ޕީޖީ ޝަމީމް އަށް ލަފާ ދެއްވާފައިވާތީ ކަމަށްވެސް އަވަސްއާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.

‎ދެފަހަރެއްގެ މަތިން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންވެސް ޕީޖީ އިން އިސްލާހުކުރަން އެދުނު ކަންކަން އޭސީސީއަށް އިސްލާހުކުރެވިފައެއް ނުވެއެވެ.

‎އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅޭ ކަމަށް ބުނާ ޗެޓުލޮގު ތަކެއްގެ ފޮރެންސިކް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކް އާއި ސީދާ ޕީޖީގެ ފަރާތުން ގުޅައިގެން ހެކިބަސް ދޭން އެދުމުންވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ޕީޖީ އަށް ފަރަޑޭ ފޮރެންސިކް އިން ވަނީ ޕީޖީއަށް އަންގާފައެވެ. އެފޯނަކީ އެތައް ބައެއްގެ އަތްމައްޗައް އަރާފައިވާ އަދި އެޗެޓްލޮގްތައް މިހާރުވެސް ރަށުތެރޭގައި ގެންގުޅޭ މެސެޖުތަކެކެވެ. އަދި އެމެސެޖުތަކުގެ ތެރޭގައިވެސް ސީދާ މިނިސްޓަރު މަހްލޫފް ދައްކަވާފައިހުރި ކަމަށް ބުނާ ވާހަކައެއްވެސް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއިން ބޭރުން ހެކިހޯދަން ގާނޫނުގައި އޮންނަނީ ފުރަތަމަ ތަހުގީގު އިދާރާއިން ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހަށް ލިޔެގެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރު ގައުމުގެ ކަމާ ބެހޭ އިދާރާތަކަށް ލިޔެގެން އެގައުމުގެ ގާނޫނުތަކާއި އެއްގޮތައް ހެކިބަސް ހޯދުމުގެ ކަންތައް ހަމަޖެއްސުމަށެވެ.

ނަމަވެސް މަހްލޫފްގެ މައްސަލައިގައި ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ވަނީ ލަންކާގައި ހުންނަ ދިވެހި އެންބަސީ އަށް ސީދާ ގުޅައިގެން ލަންކާ ރައްޔިތަކާ ސީދާ އެމްބެސެޑަރު އެތައް ފަހަރަކު ފޯނުކޮށް ލޯޔަރެއްގެ ފުރުސަތުވެސް ނުދީ އޭނަލައްވާ އެންބެސެޑަރު ބޭނުންވާ ގޮތަށް ހެކިބަސްނަގާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އިން ހެކިބަސްނަގަން ގުޅި ތަހުގީގު ވީޑިއޯކޯލްގައިވެސް އެމްބެސެޑަރު ފެނެއެވެ. އަދި ލަންކާ ހެކިވެރިޔާ ދިން ބަޔާން ޕްރިންޓްކޮށް އޭނަލައްވާ ސޮއެކުރުވީ ވެސް ރާއްޖެ އެންބަސީގައި އެންބެސިޑަރެވެ. ފޮރިންމިނިސްޓްރީ އަށްވެސް ނާންގާ މިކަން ކޮށްފައިވާތީ ދާދިފަހުން ސަފީރު ރައްޒާގު ވަނީ ރާއްޖެ ގެނެސް ފޮރިން މިނިސްޓްރީ އިން ތަހުގީގެއްވެސް ފަށާފައެވެ. މިއީ ލަންކާގެ ގާނޫނުތަކާ ވެސް މުޅިން ހިލާފުކަމެކެވެ. ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުގެ ހުއްދަނުނަގާ އެއްވެސް ބޭރުގެ އެންބަސީއަކުން ލަންކާ ރައްޔިތަކާ ސުވާލެއް ނުކުރެވޭނެއެވެ. މިމައްސަލަ ލަންކާގެ ކަމާ ބެހޭ ފަރާތަކުންވެސް ދަނީ
ބަލަމުންނެވެ.

‎އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އެންމެ ގިނަވެގެންވެސް ހަ ދުވަސް ތެރޭގައި މައްސަލަ ތަކުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާ ކަމަށެވެ. ނަމަވެސް މިނިސްޓަރު މަހްލޫފްގެ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ވަނީ 60 ދުވަސް ވެފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މަހްލޫފް ތަކުރާރުކޮށް ގެންދަވަނީ މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާކަމެއް ކަމަށް ވިދާޅުވަމުންނެވެ.

‎މިކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް ދިރާސާކުރަން ނަގާފައި އޮތް ކޮމިޓީ ބަދަލު ނުކުރާ ކަމަށެވެ. އަދި ކޮމެޓީ އަތުން މައްސަލަ ނެގި ކަމަށް ކުރެވޭ ތުހުމަތު ވަނީ ދޮގުކޮށްފައެވެ.