ލައިފްސްޓައިލް

ދިހަ އަހަރުގައި ގްރޭޑް 10ގެ އިމްތިހާނުން އެއްވަނަ ދަރަޖައިގެ ފާސްވެއްޖެ

ބައެއް މައިންބަފައިން އެމީހުންގެ ދަރިންނާއި އެހެން ކުދިންނާ އަޅާ ކިޔަ އެވެ. މިވެނި މީހެއްގެ ކުއްޖެއްގެ މޮޅު ވާހަކައިންނެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ރަޝްތުރަމް އަދިތުޔާ ޝްރީ ކްރިޝްނާ އަކީ މިފަދަ މިސާލު ޖަހަން ރަނގަޅު ކުއްޖެކެވެ.

އުމުރުން އެންމެ 10 އަހަރުގައި މިކުއްޖާ ވަނީ އުއްތަރު ޕްރަދޭޝްގެ ސްކޫލްތަކުގެ ކުދިންނަށް ގްރޭޑް 10 ނިންމާއިރު ދޭ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެފަ އެވެ.

އަދިތުޔާގެ ސްކޫލް ޕްރިންސިޕަލް އެޗްއެން އުޕާދްޔާ ބުނި ގޮތުގައި އަދިތުޔާ އަކީ ފޮތް ކިޔުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އަދި ފިލާވަޅުތަކުގެ ކޮންސެޕްޓް ފަސޭހައިން ހިތަށް ނެގޭ ކުއްޖެކެވެ. އެހެންވެ ކޮންމެ މާއްދާއެއްގެ ކޮންމެ ޓޮޕިކެއް ވެސް އޭނާއަށް ދަސްކޮށްލަން ވަރަށް ފަސޭހަ އެވެ. ޚާއްސަކޮށް ހިސާބު ނަންބަރުތައް ލޯ މަރައިގެން އިނދެ ވެސް ހަދާލެވޭ ވަރަށް އޭނާ ހިސާބަށް މޮޅުކަމަށް ޕްރިންސިޕަލް ބުންޏެވެ.

އަދިތުޔާ ފަދަ އުމުރުން ހަގު ކުދިންނަށް ގްރޭޑް 10 ނިންމާ ބޯޑު އެގްޒޭމް ދިނުން އާއްމު ގޮތެއްގައި އުއްތަރު ޕްރަދޭޝް ސަރުކާރުން ހުއްދައެއް ނުކުރެ އެވެ. އަދިތުޔާ އަކީ މިގޮތަށް ހުއްދަ ދީގެން މި އިމްތިހާނު ހެދި އުމުރުން މިހާ ހަގު ދެވަނަ ކުއްޖާ އެވެ.

މީގެ ކުރިން މި އިމްތިހާނު ހެދީ އުމުރުން ފަސް އަހަރުގެ ސުޝްމާ ވަރުމާ އެވެ. ފަސް އަހަރުގައި ސުޝްމާ ހަދާފައިވަނީ ގްރޭޑް 9 ނިންމާ ކުދިންނަށް ދޭ އިމްތިހާނެވެ.

ސުޝްމާ އިމްތިހާނު ހެދީ 2007 ގައެވެ. އޭނާއަކީ މުޅި އިންޑިޔާއިން ވެސް މި އިމްތިހާނު ހެދި އެންމެ ހަގު ކުއްޖާގެ ފަޚުރުވެރި މަގާމު ހޯދާފައިވާ ކުއްޖާ އެވެ.