ސޮނީ ޓީވީގެ މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް 12"ގެ ގްރޭންޑް ފިނާލޭ އަށް ފަސް ވަރަކަށް ދުވަހަށް ވެފައިވާއިރު މި ފަހަރުގެ ޝޯ ކާމިޔާބު ކުރާނެ ބައިވެރިޔަކާ ބެހޭ ބަހުސް ވެސް ވަނީ ހޫނުވެފަ އެވެ. މިފަހަރުގެ ސީޒަންގެ ހުރިހާ ލަވަކިޔުންތެރިން ވެސް ވަރަށް ހުނަރުވެރިވެފައި މޮޅެވެ. އެހެންވެ ކޮންމެ ލަވަކިޔުންތެރިޔެއްގެ ފޭނުންގެ އަދަދު މިލިއަނުން ގުނާ ލެވެ އެވެ.
ބާރަ ގަޑިއިރަށް ދެމިގެންދާ ގްރޭންޑް ފިނާލޭގައި ކުރީފަހަރު ތަކާ ޚިލާފަށް މިފަހަރު ހަ ބައިވެރިޔަކު ޓްރޮފީއަށް ވާދަ ކުރާނެ އެވެ. އެއީ ޕަވަންދީޕް ރާޖަން، އަރުނިތާ ކާންޖީލާލް، މުހައްމަދު ދާނިޝް، ޝަންމުކާޕުރިޔާ، ނިހާލް ޓުރާއޯ އަދި ސާއިލީ ކަމްބްލީ އެވެ.
މީގެ ތެރެއިން އެންމެ ގިނަ ފޭނުން ތިބީ ޕަވަންދީޕް އާއި އަރޫނީތާއާ އެކު އެވެ. ގްރޭންޑް ފިނާލޭއަށް ގޮސްފައިވާ އެހެން ބައެއް ލަވަކިޔުންތެރިންނަށް ވެސް މިކަން އެނގެ އެވެ. އަދި ޕަވަންދީޕް އާއި އަރުނީތާ ޝޯ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަން އެމީހުންނަށް ވެސް ގަބޫލު ކުރެވެ އެވެ.
ދާނިޝް ބުނި ގޮތުގައި އޭނާއަށް ވެސް ހީވަނީ މިފަހަރުގެ ޝޯ ކާމިޔާބުކުރާނީ ޕަވަންދީޕާއި އަރޫނީތާ ހެންނެވެ. ނިހާލް ބުނީ އޭނާއަށް ހީވަނީ ޕަވަންދީޕް ޝޯ ކާމިޔާބު ކުރާނެ ހެންނެވެ. އަނެއްކޮޅުން ޕަވަންދީޕް ބުނަނީ ކޮންމެ މީހަކު ޝޯ ކާމިޔާބު ކުރިޔަސް އެ ހުރިހާ ލަވަކިޔުންތެރިން އެކުވެރިންގެ ގޮތުގައި އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ.
ސިންގިން ރިއަލިޓީ ޝޯއެއްގައި ބައިވެރިވީ ކޮންމެހެން ޝޯ ކާމިޔާބުކުރަން ނޫން ކަމަށާއި ލަވަކިޔުމާ ގުޅޭ އިތުރު ކަންކަން ދަސްކުރަން ބޭނުންވާތީ ކަމަށް ޕަވަންދީޕް ބުންޏެވެ.
ޕަވަންދީޕް އިންޑިއަން އައިޑަލް 12ގައި ބައިވެރިވެ ލަވަތައް ހުށަހަޅައިދޭން ފެށިފަހުން އޭނާގެ ފޭނުން މިލިއަނުން ވަނީ އިތުރުވެފަ އެވެ. ފޭނުން ގިނަވިޔަސް އޭނާއަށް އިތުރު ޕްރެޝަރު ކުރިމަތިނުވާ ކަމަށް ޕަވަންދީޕް ބުންޏެވެ.
"އެހާ ގިނަ މީހުންގެ ލޯބި ލިބުނީމަ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވޭ،" ޕަވަންދިޕް ބުންޏެވެ.
މިފަހަރުގެ ސީޒަން ނިމުމުގެ ކުރިން ޝޯގެ ބައެއް ލަވަކިޔުންތެރިންނަށް ބޮލީވުޑް މިއުޒިކް ޑައިރެކްޓަރުން އެމީހުން އުފައްދާ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތުތައް މިހާރުވެސް ދީފައިވެއެ ވެ.
އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ބައިވެރިވި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ ކަރަންގެ ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު އަރޫނީތާ އާއި ޕަވަންދީޕަށް ދިފަ އެވެ. އަދި ދެން ތިބި ފައިނަލިސްޓުންނަށް ވެސް ދަރްމާއާ އެކު މަސައްކަތް ކުރުމުގެ ދައުވަތު ކަރަން ވަނީ ދީފަ އެވެ.