އާމިނަތު ޝައުނާ

މޫސުމީ ބަދަލުތަކަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭ: ޝައުނާ

މޫސުމަށް އަންނަ ބަދަލުތައް ނުވަތަ ކްލައިމެޓް ޗޭންްޖާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޓަގަވަރުމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ)ން އިއްޔެ ނެރުނު ރިޕޯޓާ ގުޅޭ ލިޔުމެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

"ޖައްވަށް ދޫކުރާ ގޭސްތައް ހުއްޓުވައި އިންސާނިއްޔަތު ކަމަށާއި އިގްތިސާދަށް އަދި ސިއްހަތަށް ދިމާވާ މުސީބާތްތަކުން ސަލާމަތްވާން ބޭނުންނަމަ މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ. މިކަން އަސްލުކުރަން ޖެހެނީ އިއްޔެ. އަދި ދެން އެކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅަކީ މިއަދު" ޝައުނާ ވިދާޅުވި އެވެ.

އައިޕީސީސީ ރިޕޯޓްގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަރަށް ހަލުވިކޮށް އައިސްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިހާތަނަށް ފެނިފައިނުވާ ފަދަ ބަދަލުތަކެއް ފެނުން އެކަށީގެންވާ ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ ޖަށްވަށް ބޭރުކުރެވޭ ވިހަގޭހުގެ ސަބަބުން ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެގެން ހިނގައިދާނެ ކަމަށެވެ. ހަމަ އެހެންމެ ދުނިޔެ ފެނަށް ޖެހުން އިތުރުވެފައިވާ ކަމަށާއި އަދި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ގަރުނުގެ ތެރޭގައި ހުއްޓުމެއްނެތި އުފުލެމުން އަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވެ ފެންބޮޑުވާ މިންވަރުވެސް އިތުރުވާނެ އެވެ.

"ދެ ޑިގްރީސް ސެލްސިއަސްގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރު އިތުރުވެ، ދަނޑުތައް ހަލާކުވެ އަދި މިކަމުގެ ސަބަބުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރު ކުރުމަށްވެސް ދަތިވުން އެކަށީގެންވޭ" ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންނަމަވެސް ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި ވަރަށް ހަލުވިކަމާއިއެކު އެކަށީގެންވާ މިންވަރަށް ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރު މަދުކުރެވިއްޖެނަމަ މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށްވެސް ރިޕޯޓުގައިވެ އެވެ. އެކަމަކު އޭގެ ނަތީޖާ ފެންނަން މަދުވެގެން 20-30 އަހަރު ނަގާނެ ކަން ފާހަގަކޮށްފައިވެ އެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން މިނިސްޓަރު ޝައުނާ ގޮވާލެއްވިއިރު އައިޕީސީސީގެ ރިޕޯޓާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު އިއްޔެ ވިދާޅުވީ އެ ރިޕޯޓުގައި ބުނާ ކަންކަން ހަގީގަތަކަށް ވެއްޖެނަމަ ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ސަރަހައްދު ތަކުގެ 230 އަށް ވުރެ ގިނަ ސައިންޓިސްޓުން ހިމެނޭ ގޮތަށް އެކުލަވާލި ރިޕޯޓަކީ މި ފަހުގެ ތާރީހެއްގައި މޫސުމީ ބަދަލާ ގުޅޭގޮތުން އެކުލަވާލި އެންމެ ވަރުގަދަ އެއް ރިޕޯޓެވެ. މިރިޕޯޓްގައި 14،000 އަށް ވުރެ ގިނަ ސައިޓޭޝަންސް ހިމަނާފައިވެ އެވެ.