އެފްއޭއެމް

ގައުމީ 23 އަހަރުން ދަށުގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ސުޒޭން އާއި އެކު ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދާއި ވެލެންސިއާ އާއި އައިއެފްސީގެ ކުރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝާހިދު (ޝާޑު) ވަނީ ހަމަޖައްސާފަ އެވެ.

މިވަގުތު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި ސުޒޭން ޒުވާން ޓީމާއި ހަވާލުވި ނަމަވެސް ސީނިއާ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ.

23 އަހަރުން ދަށުގެ ކޯޗަކަށް ސުޒެއިން ހަމަޖައްސާފައި ވަނީ ކުރިން އެމަގާމުގައި ހުރި ނެދަލެންޑްސްގެ ކޯޗު ރެނޭ ހިޑިންކް އިސްތިއުފާ ދިނުމުންނެވެ. މީގެ ހަތަރު މަސް ކުރިން އޭނާ އިސްތިއުފާ ދިނީ ކޮވިޑްގެ ހާލަތާއި އެކު މުބާރާތެއް ނެތުމާއި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީ އެވެ.

ރެނޭ ފުރަތަމަ ހަމަޖައްސާފައި ވަނީ ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗަކަށެވެ. 2020 ވަނަ އަހަރު ހެދި އެގްރީމެންޓް ހަމަވުމުން އެފްއޭއެމްއިން ވަނީ އޭނާ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފަ އެވެ. ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރެނޭ މަސައްކަތް ކުރީ މިފަހަރު ޒުވާން ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސުޒޭންއާއި އެކު އެވެ.

މިއީ ސުޒޭން 23 އަހަރުން ދަށުގެ ޓީމާއި ހަވާލުވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން ޒުވާން ޓީމަށް ކޯޗުކަން ކޮށްދީފައިވާ ސުޒޭން ވަނީ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި 2008 ވަނަ އަހަރު ވާދަކުރި ޒުވާން ޓީމަށްވެސް ކޯޗުކަން ކޮށްދީފަ އެވެ.

މިފަހަރު މަގާމާ ހަވާލުވިއިރު ސުޒޭންގެ އެންމެ މޮޑު މަސްއޫލިއްޔަތަކަށް ވެފައި އޮތީ އަންނަ އަހަރު އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ރާއްޖޭގެ ޓީމު ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިން މެޗުތައް އޮންނާނީ އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ރާއްޖެ ހިމެނެނީ އިރާގް، ބަހުރޭންގެ އިތުރުން އަފްގާނިސްތާނާއި އެއް ގްރޫޕެއްގަ އެވެ.

މިއަންނަ އޮކްޓޫބަރު މަހުގެ 1-15 އަށް އޮންނަ ސާފް ޗެމްޕިއަންޝިޕަކީ ޒުވާން ޓީމު އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ތަކަށް ތައްޔާރު ކުރަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަންނަ ސެޕްޓެމްބަރު މަހު ޒުވާން ޓީމުގެ ފަރިތަކުރުންތައް ފަށަން ހަމަޖެހިފައި ވާއިރު، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ސީނިއާ ޓީމަށް ޒުވާން ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް ކުޅޭނެ އެވެ.

ސުޒޭން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ކޯޗެވެ. ވިކްޓްރީ އާއި މާޒިޔާއާއަށް ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ސުޒޭން ވަނީ 2005 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.