ރައީސް އޮފީސް

މަތީ ދަރަޖައިގެ އިނާމަށް ކުރިމަތިލުމަށް އާދީއްތާ ދުވަހު ހުޅުވާލަނީ

Aug 10, 2021

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވައިލާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރުވެސް ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުން ކަމަށެވެ.

ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މީގައި ހިމެނެނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.

ދެވަނަ ގިންތިއަކީ ބައިނަލްއަގުވާމީ މައުރަޒަކުން ނޫނީ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ ރާއްޖެއަށް ދިމާވެފައިވާ މުހިއްމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އާ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ހަތަރުވަނަ ގިންތީގެ ގޮތުގައި މިއަހަރު ވަނީ އިތުރު ގިންތިއެއް އިތުރުކޮށްފަ އެވެ. އެއީ ހުނަރުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތި އެވެ. މި އިނާމު ދެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރި އެވެ.