މާރާމާރީ ހިންގުން

މަރުގެ ހަމަލާ އަމާޒުވި ޑްރައިވަރުގެ ހާލު ރަނގަޅު: ޓެކްސީ ސެންޓަރު

މަރުގެ ހަމަލާގެ އެތި ފަހަރެއް ރޭ އަމާޒުވި ޓެކްސީ ޑްރައިވަރުގެ ހާލު ރަނގަޅު ކަމަށް ޑްރައިވަރު މަސައްކަތް ކުރަމުންދާ ޓެކްސީ ސެންޓަރުން ބުނެފި އެވެ.

މަސްތުވެގެން ހުރި އިންޑިއާގެ މީހަކު ރޭ ހަމަލާދީ މަރާލަން އުޅުނީ ހުޅުމާލޭގައި ހުންނަ ޕިކް އެންޑް ޑްރޮޕް ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރަމުންދާ ޑްރައިވަރު މުހައްމަދު އިބްރާހިމް އަށެވެ.

އެ ސެންޓަރުގެ ވެރިޔާ މުހައްމަދު ނާޒިމް ވިދާޅުވީ އެ ހާދިސާގައި ޑްރައިވަރަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

"ޓީޝާޓް ފަދަ އެއްޗެއް އޮޅައިގެން ކަަރަށް ބާރުކުރަން އުޅުނީމަ ކޮންމެވެސް ވަރަކަށް އަނިޔާވެފައި ހުންނާނީ ދޮއްތޯ. އެކަމަކު ހާލު ރަނގަޅު މިހާރު" ނާޒިމް ވިދާޅުވި އެވެ.

އެ ހާދިސާއާ ފައިސާއާ ގުޅުން އޮތް ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައި އޮތް ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ފައިސާގެ ވާހަކަ އެއްވެސް ވަރަަކަށް ނުދައްކާ" ނާޒިމް ވިދާޅުވި އެވެ.

މަރުގެ ހަމާލާ ދޭން އުޅުނު އިންޑިއާގެ 25 އަހަރުގެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ މައްސަަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެެ އެވެ. ބުނީ ހަމައެކަނި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ދެހާސް ނަވާރަވަނަ އަހަރު ވެސް ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކށް ހަމަލާދީ މަރާލައިފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ