މާރާމާރީ ހިންގުން

ޑްރައިވަރު މަރާލަން ދިން ހަމަލާއާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކު މަރާލަން ދިން ހަމަލާއާ ގުޅިގެން މޯލްޑިވްސް ޑްރައިވާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް އަވަސްއަށް މިއަދު ވިދާޅުވީ ރޭ ދިން މަރުގެ ހަަމަލާއާ އެކު ހުރިހާ ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ހަމަ އެހެންމެ 2019 ވަނަ އަހަރު ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލި ހާދިސާއަށް އިޝާރަތް ކޮށް އަބްދުﷲ ވިދާޅުވީ އެ މަރަށް އެތައް ދުވަހެއް ވީއިރުވެސް އިންސާފު ނުލިބޭ ކަމަށެެވެ.

"އަދިވެސް އެ މައްސަލަ އެދަނީ ކޯޓުގައި ހިނގަމުން. މައްސަަލަ ނުއެއް ނިމޭ." އަބްދުﷲ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަބަދުވެސް ކަމާ ގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކާ ހިއްސާކުރާ ކަމަށާއި ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށެެވެ.

"އަބަދުވެސް އަޑު އިވެނީ މައްސަލަ ބަލާ ވާހަކަ. އެހިޔަސް ބުނާނެ ދެން ހަމަ މައްސަލަ ބަލަނިއްޔޭ" އަބްދުﷲ ވިދާޅުވި އެވެ.

މަސްތުވެގެން ހުރި އިންޑިއާގެ މީހަކު ރޭ ހަމަލާދީ މަރާލަން އުޅުނީ ހުޅުމާލޭގައި ހުންނަ ޕިކް އެންޑް ޑްރޮޕް ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރަމުންދާ ޑްރައިވަރު މުހައްމަދު އިބްރާހިމް އަށެވެ. އެ ޑްރައިވަރުގެ ހާލު މިހާރު ރަނގަޅެވެ.

މަރުގެ ހަމާލާ ދޭން އުޅުނު އިންޑިއާގެ 25 އަހަރުގެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ މައްސަަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެެ އެވެ. ބުނީ ހަމައެކަނި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.