ގްރީސްގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ގްރީސްގެ ބޮޑުވަޒީރު ކިރިއަކޮސް މިޓްސޮޓާކިސްް ވިދާޅުވެއްޖެ އެވެ.
ކިރިއަކޮސް މިހެން ވިދާޅުވީ އިއްޔެ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން ގްރީސްގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެފައިވާއިރު 586 ސަރަހައްދެއްގައި ރޯވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލިފާނުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ކަމާ ބެހޭ ފަރާތްތަކުން އަލިފާން ނިއްވުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ. ގްރީސް އަށް މިހާރު ކުރިމަތިވެފައިވާ ހޫނު މޫސުމަކީ މިހާތަނަށް އެގައުމުގައި ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު ދުވަސްތަކެވެ. ގްރީސްގެ ފިނިހޫނުމިން މިވަގުތު ހުރީ 47 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.
އަލިފާނުގެ ސަބަބުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުވުމުން އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފަ އެވެ.
ގްރީސްއަށް ހޫނުގަދަވެފައިވާތާ އެތައް ދުވަހެއް ވެފައިވާތީއާއި ވާރޭ ވެހޭނެ ވަގުތެއް ބުނަންވެސް ނޭނގޭތީ އިތުރު ސަރަހައްދުތަކުގައި އަލިފާން ރޯވެ ލިބޭ ގެއްލުންތައް ބޮޑުވަމުންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޮޑުވަޒީރު ކިރިއަކޮސް ވިދާޅުވީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިހްމާލެއް އޮތް ނަމަ އެކަމެއް ބަލައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ބަދަަލު ދޭނެ ކަމަށްވެސް ކިރިއަކޮސް ވަނީ ވިދާޅުވެފަ އެވެ.