ވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ރިޝްފާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް މަރިޔަމް ރިޝްފާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރިޝްފާ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ރިޝްފާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފަ އެވެ. އަދި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ރިޝްފާއާއި ހަވާލުކުރައްވާފަ އެވެ.

ރިޝްފާ މީގެކުރިން ވެސް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން މިއަހަރު މަގާމުގެ ދައުރު ހަމަވަންދެން ޓްރައިބިއުނަލްގެ މެންބަރު ކަން އަދާކުރައްވާފަ އެވެ.

ރިޝްފާ އަކީ ޕާޓް-ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ރިޝްފާ ވަނީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފަ އެވެ. މީގެއިތުރުން ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވެސް ހާސިލްކުރައްވާފައިވެ އެވެ.