ށ. ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ގޮއިދޫއަށް ގެންގޮސްފަ އެވެ.
ގޮއިދޫގައި 12.07 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.
މީގެ އިތުރުން ނަރުދަމާ މަސައްކަތުގެ ދަށުން 7.30 ކިލޯ މީޓަރުގެ ދިގު ނެޓްވޯކެއް ގާއިމްކުރުމާއި، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނުގެ އިތުރުން އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ.
މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 86.04 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޝަރުތުކޮށްފަ އެވެ.