ބ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫއުގެ ޢަމަލީ މަސައްކަތުގެ 73 ޕަސެންޓް ނިމެއްޖެ އެވެ.
އެގޮތުން ފެނުގެ ނިޒާމް ގާއިމު ކުރުމުގެ ގޮތުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
ފެނުގެ ނިޒާމް ގާއިމްކުުރުމުގެ ގޮތުން މިހާރު ގޮއިދޫގައި ކުރަމުންދާ މަސައްކަތަކީ 10 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯގެ ހޮޅި ވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަ ތެވެ. މި މިސައްކަތްތަކުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ.
ގޮއިދޫގެ ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން 0.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ
ހޮޅިވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. މިހާރު ކުރަމުން ދަނީ ސީ އައުޓްފޯލް ގާއިމު ކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތް ތަކެވެ.
މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ 85.7 މިލިއަން ރުފިޔާއެވެ. މިމަޝްރޫއު ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ،