ޑރ. މުހައްމަދު ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުން ވަކިކުރި މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު ހުކުމްކުރުމަށް ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން އޭނާ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވި އެވެ. ޖަމީލް މަގާމުން ވަކިކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ މިހާރުގެ ޔޫތު މިނިސްޓަރު އަދި އޭރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. ޖަމީލް މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރަން ބޭނުންވީ 57 ވޯޓެވެ.
ޑރ. ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު އޭނާގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލްގެ ފަރާތްޕުޅުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ނަމަވެސް ފަހު ވަގުތު މަޖިލީހުން އެންގީ ޑރ. ޖަމީލް މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމުން ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ 2019 ވަނަ އަހަރު އެވެ. ސުޕްރީމް ކޯޓަށް މީގެ ކުރިން މިފަދަ މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ.
ޖަމީލް ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވުމަށްފަހު އަޑުއެހުންތައް ނިންމާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
ޑރ. ޖަމީލް މަގާމުން ވަކިކުރިއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ޑރ. ޖަމީލް އެނބުރި ގައުމަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށްފަހު ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވި ފަހުންނެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ދެކޮޅަށް ޑރ. ޖަމީލް މަސައްކަތް ކުރެއްވި ނަމަވެސް މިވަގުތު ޑރ. ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި ޕީޕީއެމްގެ އެޑްވައިޒަރު ކަން ވެސް ޑރ. ޖަމީލް ގެންދަވަނީ ކުރައްވަމުންނެވެ.