ރޯވެފައިވާ ގޭތެރޭގައި ތިބި އެއްމާބަނޑު ދެ ދަރިން ސަލާމަތްކުރަން މަސައްކަތް ކުރި ބައްޕައަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޝިއާން ބްރައުން އާއި ރޭ ލޫކަސް، 23، އުޅުނީ ގެއިން ބޭރުގައި މަސައްކަތް ކުރުމުގައި އަވަދިނެތި އެވެ. އެ ދެމަފިރިންގެ 18 މަހުގެ އެއްމާބަނޑު ދެބެން ކަމަށްވާ މިލަން އާއި މެލެޝިޔާ އާ ހަވާލުވެގެން ގޭގައި ތިބީ އާއިލާގެ ބައެއް މެމްބަރުންނެވެ.
އެމެރިކާގެ މިޗިގަންގައި ދިރިއުޅޭ މި ދެމަފިރިން އެމީހުން މަސައްކަތްކުރާ ފިހާރައިގައި މަސައްކަތްކުރަން ތިއްބާ އެމީހުންގެ ގޭގައި އިލެކްޓްރިކް ޝޯޓެއް ވެގެން އެ މީހުންގެ ގޭގެ ބޭސްމަންޓްގައި އަލިފާން ރޯވީ އެވެ. އަދި އެ އަލިފާންގަނޑު ވަރަށް އަވަހަށް އެގެ ވަށާލި އެވެ.
އެވަގުތު ގޭގައި ތިބި އާއިލާގެ މީހުންގެ ތެރެއިން ބައެއް މީހުން ދުވެފައި ބޭރަށް ނުކުތެވެ. މެލެޝިޔާ އާއި މިލަންގެ މައިންބަފައިންނަށް އެމީހުންގެ ގޭގައި އަލިފާން ރޯވެގެން އުޅޭ ޚަބަރު ލިބިގެން ދުވެފައި އައިއިރުވެސް ކުޑަ ދެބެން ސަލާމަތެއް ނުކުރެވެ އެވެ. އެ ދެބެން އޭރުވެސް ވީ ރޯވެފައިވާ ގޭގެ ތެރޭގަ އެވެ.
ލޫކަސް އޭނާގެ ދަރިން ސަލާމަތްކުރުމަށް ރޯވެފައިވާ ގޭތެރެއަށް ދުވެފައި ވަނީ އެވެ. އަމިއްލަ ފުރާނައަށް ވެސް ބެލުމެއް ނެތި އެވެ.
ލޫކަސް ބުނި ގޮތުގައި އެ ވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ގޭތެރެއަށް ދުއްވައި ގަނެވުނީ ބައްޕަ ކުލުނުގެ ސަބަބުން ކަމަށް ހީވާ ކަމަށެވެ.
"އަހަރެންނަށް އެވަގުތު އެއްވެސް އެއްޗެކޭ ނުބުނެވުނު. ވަގުތުން ދުވެފައި ގެއަށް ވަދެ ދަރިން ތިބޭނެ ކަމަށް ހީވާ ދިމާލަށް ދިޔައީ،" ސީއެންއެން އާ ވާހަކަ ދައްކަމުން ލޫކަސް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ވަގުތު އޭނާއަށް ކަންތައް ކުރެވުނީ ހަމަ ކޮންމެ ބައްޕައަކު ވެސް އެމީހުންގެ ދަރިންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރާނެ ގޮތަށެވެ.
ލޫކަސް ބުނި ގޮތުގައި ގޭތެރެއަށް ވަނުމަށްފަހު ދުންތަކާ ހެދި އޭނާއަކަށް އެއްވެސް ތަނެއް ނުފެނުނެވެ. ނަމަވެސް ހިތު ލަފަޔަށް ދުވަމުން ގޮސް އޭނާ ދަރިން ތިބި ތަން ހޯދައި އެކުދިން ގައިގައި ބެއްދި ވަގުތު އެކުދިން މަރު ނުވާކަން އެނގުމުން އުފާވެ، އިތުރު ހިތްވަރެއް ލިބުނެވެ.
ދެ ދަރިން ގޮވައިގެން ރޯވެފައިވާ ގޭތެރެއިން ލޫކަސް ނުކުތްއިރު އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފަ އެވެ. އޭނާގެ ދެ ބެން ކުރެ އެއް ކުއްޖަކު ވަރަށް ބޮޑަށް ފިހިފައި އޮތުމުން އައިސީޔޫގައި ފަރުވާ ދޭން ޖެހުނަސް އަނެއް ކުއްޖާ އަށް އިމަޖެންސީގައި ފަރުވާ ދީފައި ވަނީ ދޫކޮށްލާފަ އެވެ.
ލޫކަސްގެ ގައިން ބޮޑުބައެއް ފިހިފައިވާއިރު އެންމެ ބޮޑަށް ފިހިފައިވަނީ މޫނާއި ލޮލާއި ކަރާއި އަތެވެ. މީގެ އިތުރުން ބޯ ދުންތައް ހަށިގަނޑަށް ވަދެގެން ވެސް ބޮޑެތި ގެއްލުންތައް އޭނާއަށް ލިބުނެވެ.
އަލިފާން ރޯވުމުގެ ސަބަބުން ތިން ބުރިއަށް ހަދާފައި ހުރި ލޫކަސްގ ގެވެސް ވަނީ އަނދާ އަޅިޔަށް ވެފަ އެވެ.