ލައިފްސްޓައިލް

ކުޑައިރު ވަކިވެފައިވާ ޔަތީމު ތިންބެއިން އަލުން ބައްދަލުވީ އިއްތިފާގުން

އިންޑިއާގެ ހައިދަރުއާބާދުގައި ދިރިއުޅުނު ޔަތީމު ތިން ބެއިންގެ ތެރެއިން ދޮށީ ދެބެންނަށް އެކުދިންގެ ކޮއްކޮ ގެއްލުނެވެ. ނަމަވެސް އޭގެ ބަރާބަރު ތިން އަހަރު ފަހުން އެ ދެބެންނަށް ވަނީ އެކުދިންގެ ކޮއްކޮއާ ބައްދަލުވެފަ އެވެ. އެއީ މުއުޖިޒާތެއް ފަދަ ގޮތަށް ދިމާވި ކަމެކެވެ.

އެއީ މީގެ ތިން އަހަރު ކުރި އެވެ. މިހާރު އުމުރުން 12 އަހަރާއި 14 އަހަރުގެ އަންހެން ދެބެން އެކުދިންގެ މަންމަ މަރުވުމަށްފަހު ކުޑަ އަންހެން ކޮއްކޮ އާއި ބައްޕަ އާއެކު ދިރިއުޅެމުން ދަނިކޮށް ބައްޕަ ވެސް މަރުވީ އެވެ.

ބައްޕަ މަރުވުމަށްފަހު ބޮޑު ދެބެން ބަލާނެ މީހަކު ނެތުމުން ކަމާ ބެހޭ އޮފިޝަލުން އައިސް ޔަތީމު ޚާނާ އަށް އެކުދިން ގެންދިޔަ އެވެ. އެންމެ ފުރަތަމަ ބޮޑު ދެބެން ވެސް ގެންދިޔައީ ތަފާތު ދެ ޔަތީމުޚާނާ އަކަށެވެ. ނަމަވެސް އެ ދެބެން އެދިގެން އެއް ތަނަކަށް ފަހުން ބަދަލު ކުރީ އެވެ. އެ ދެބެންގެ ކޮއްކޮއަށް އޭރު 4-5 އަހަރެވެ. ކޮއްކޮ ބެލުމާ ހަވާލުވީ އެ ކުދިންގެ މާމަ އެވެ. ނަމަވެސް މާމަގެ ބެލުމުގެ ދަށަށް ކުއްޖާ ދިޔަތާ އަހަރެއްހާ ދުވަސް ވީފަހުން ކުއްޖާ މަގުމަތީގައި އުޅޭތަން ފެނިގެން އެ ކުއްޖާ ވެސް ޔަތީމު ޚާނާ އަކަށް ގެންދިޔަ އެވެ. ކުއްޖާ މަގުމައްޗަށް ނުކުތީ މާމަ މަރުވުމުން ބަލާނެ މީހަކު ނެތިގެންނެވެ.

ކަންދިމާކުރި ގޮތުން ކުޑަ ކުއްޖާ ގެންދިޔައީ އޭނާގެ ދެ ދައްތަ ތިބި ޔަތީމު ޚާނާ އަކަށް ނޫނެވެ. އަދި ކުޑަ ކުއްޖާއަށް އޭނާގެ ދޮށީ ދެ ދައްތަ މަތިން އެއްގޮތަކަށް ވެސް ހަނދާނެ ނެތެވެ.

އޭގެ ފަހުން ތިން އަހަރު ވީއިރުވެސް ބޮޑު ދެބެންނަށް އެކުދިންގެ ކޮއްކޮ ވީ ތަނެއް ނޭނގި އެކަމާ ވަރަށް ދެރަވެގެން އަބަދުވެސް އުޅެމުން ދިޔަ އެވެ.

ބޮޑު ދެބެންނަށް އެކުދިންގެ ކޮއްކޮގެ ފޮޓޯ ފެނުނީ ވެސް ވަރަށް އަޖައިބުވާ ކަހަލަ ގޮތަކަށެވެ.

ސައިންސް ފެއާ އެއްގައި ބެހެއްޓި ޔަތީމުޚާނާ ތަކުގައި ދިރިއުޅޭ ކުދިންތަކެއްގެ ފޮޓޯތަކެއް އެ ދެބެން ތިބޭ ޔަތީމު ޚާނާއަށް ގެނެސްފައި ހުއްޓާ އެ ފޮޓޯތަކުގެ ތެރެއިން އެކުދިންނަށް ކޮއްކޮއާ ވައްތަރު ކުއްޖެއްގެ ފޮޓޮއެއް ފެނުނީ އެވެ. އަދި މި ކުދިން އެ ވާހަކަ ޔަތީމުޚާނާގައި އެކުދިން ބަލަހައްޓަން ހުންނަ މީހާ ކައިރީގައި ބުނީ އެވެ.

އެމީހާގެ މަސައްކަތުން ކުޑަ ކުއްޖާ ހުރި ޔަތީމު ޚާނާ ހޯދައި އެ ކުއްޖާ އާއި އޭނާގެ ދެ ދައްތަ ބައްދަލު ކުރުވި އެވެ. ނަމަވެސް ކުޑަ ކުއްޖާ އަކަށް އޭނާގެ ދެ ދައްތަ ފާހަގަކުރާކަށް ނޭނގުނެވެ. އެންމެ ފަހުން އެ ތިން ބޭންގެ ޑީއެންއޭ ޓެސްޓްކޮށް ބެލިއިރު އެ ކުއްޖާ ވީ ހަމަ އެ ދެބެންގެ ގެއްލިފައިވާ ކޮއްކޮ އަށެވެ. މިހާރު ތިން ބޭންނަށް އަލުން އެކުގައި ދިރިއުޅެވޭނެ ގޮތް ވަނީ ވެފަ އެވެ.