ބޮލީވުޑް

ކަރީނާއާއި ސައިފްގެ ދެވަނަ ދަރީގެ ނަން ވެސް ކަމަކު ނުދިޔަ

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދެވަނަ ދަރިފުޅުގެ ނަމަކީ ޖަހާންގީރް އަލީ ޚާން ކަން އެންގުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ދެމަފިރިންނަށް މަލާމާތްކުރަން ވަނީ ފަށާފަ އެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަށް ތައިމޫރު ކިޔައިގެން ވެސް އިންޑިއާ މީހުން އެހާ ވަރަށް މި ދެ މީހުންނަށް ފާޑުކިޔައި ހެދި އެވެ.

އެހެންވެ މިފަހަރު އެމީހުން ތިބީ ދަރިފުޅުގެ ނަން ހާމަ ނުކުރަން ނިންމައިގެންނެވެ. އެމީހުންގެ ހަގު ދަރިފުޅަށް ހަތަރު މަސް ވެގެންދިޔަ އިރުވެސް ނަން ހާމަ ނުކުރީ ތައިމޫރަށް ނަން ކީއިރު ދިމާވި ގޮތަށް ދިމާވެދާނެތީ އެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ ކަރީނާގެ ދެވަނަ ދަރިފުޅުގެ ނަމަކީ ޖޭ ކަމަށެވެ. އެއީ އިންޑިއާގެ ނޫހަކުން އެ ޚަބަރު ފެތުރުމުން ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ވެސް އެއީ ތެދު ވާހަކައެއް ކަމަށް ބުނުމާ ގުޅިގެންނެވެ. ނަމަވެސް މި ނަމުގެ ސިއްރު ފަޅާއެރީ ކަރީނާ ލިޔުނު ފޮތެއް ކަމަށްވާ "ކަރީނާ ކަޕޫރު ޚާންސް ޕްރެގްނަންސީ ބައިބަލް" ގައި ކަރީނާ އޭނާގެ ދެވަނަ ދަރިފުޅުގެ ފުރިހަމަ ނަން ޖަހާފައި އޮތުމުންނެވެ.

ފޮތުގެ އެންމެ ފަހު ދެ ތިން ގަނޑާ ހަމައަށް ވެސް ކަރީނާ އޭނާގެ ހަގު ދަރިފުޅަށް މުޚާތަބު ކޮށްފައިވަނީ ޖޭގެ ނަމުންނެވެ. ނަމަވެސް ފަހު ސަފުހާގައި ކަރީނާ ލިޔެފައިވަނީ އޭނާގެ ހަގު ދަރިފުޅުގެ އަސްލު ނަމަކީ ޖަހަންގިރް އަލީ ޚާން ކަމަށެވެ. ޖޭ އަކީ އެމީހުން ލޯބިން ކިޔާ ނަމެއް ކަމަށެވެ.

ކަރީނާގެ ދެވަނަ ދަރިފުޅުގެ ނަން އެނގުމާއެކު އިންޓަނެޓުގައި މީހުންތައް އުތުރު އަރައިގަތް ކަހަލަ އެވެ. ޚާއްސަކޮށް ސިކް ކޮމިއުނިޓީން ވަނީ މިނަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ. އެމީހުން ތަބާވާ ސިކް ގުރޫ އަރްޖަން ކިޔާ މީހަކަށް އަނިޔާކޮށް މަރާލީ ޖަހާންގީރް ކިޔާ ރަސްކަލެއް ކަމަށް އެމީހުން ގަބޫލުކުރާތީ އެވެ.

"ފުރަތަމަ ދަރިއަށް ތައިމޫރު [ދެ މިލިއަން ހިންދޫން މެރި މީހެއް]، ދެވަނަ ދަރިއަށް ޖަހާންގީރް [ގުރޫ އަރްޖުން މަރާލި މީހާ]. ދެން ލިބޭ ދަރިއަކަށް އަނެއްކާ ކިޔާނީ ކޮން ނަމެއް ބާ؟" ކުމާރު ކިޔާ މީހެއްގެ ޓުވީޓުގައިވެ އެވެ.