ބިމާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބިން ނުވަތަ އިމާރާތް ވިއްކާއިރު ނަގަން ހުށަހަޅާ ޓެކްސްގެ އަދަދު ކުޑަކޮށްދިނުމަށް މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އިން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދެފި އެވެ.
މި ކަމަށް އެދުނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގަ އެވެ. ކޮމެޓީގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ބިން ވިއްކާއިރު ނަގާ ޓެކްސް، އެތަނެއްގައި ހަދާ ހުރިހާ ފްލެޓަކަށް އެއް ވަރަކަށް ބަހާލައިފިނަމަ ގަންނަ ފަރާތްތަކަށް ލިބޭ ލުއިވާނެ ކަމަށާއ މަސީން އެދެނީ ޖީއެސްޓީ އާއި ވިއްކާ ފްލެޓުން ނަގާ ޓެކްސްގެ އަދަދު އަށް ޕަސެންޓަށް ވުރެ ބޮޑުނުވުން ކަމަށެވެ.
މީގެ އިތުރުން މިހާރު ނަގާ ހަ ޕަސެންޓުގެ ޓެކުހާއެކު އިތުރަށް ދެ ޕަސެންޓު ނެގުމަށް ތާއީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އޮތް 15 ޕަސެންޓުގެ ރޭޓް ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.
ޖަނާ ވިދާޅުވީ ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ 90 ޕަސެންޓަކީ ދިވެހިން ކަމަށާއި މިހާތަނަށް އެ ވިޔަފާރީގެ އެއްވެސް ޕްރޮޖެކްޓެއް ފެއިލްވެފައިނުވާ ކަމަށާއި ދާއިރާއަށް ބޭރުގެ އިންވެސްޓަރުން ވެސް ގެނެވެން އޮތީ ނަގާ ޓެކްސްތައް ކުޑަކޮށްގެން ކަމަށެވެ. ބޮޑު ޓެކްސް އެއް ނަގާ ނަމަ އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލޭނެ ކަމަށެވެ.